ވޮޝިންޓަން (ޑިސެމްބަރު 28): މިމަހުގެ ކުރީކޮޅު ސިންގަޕޫރުގެ ވޯލްވް ކުންފުނީގެ ބޮސް އެކުންފުނީގެ ހުރިހާ މުވައްޒަފުން ގޮވައިގެން ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައި ގޮތަށް، އެމެރިކާގެ ކުންފުންޏަކުން ވަނީ އަންނަ މަހު ޗުއްޓީ ހޭދަ ކުރުމަށް އެކުންފުނީގެ ހުރިހާ މުވައްޒަފުން ގޮވައިގެން ކެރީބިއަންއަށް ދާން ނިންމާފަ އެވެ.

ފަރުނީޗަރު އުފައްދާ ކުންފުންޏެއް ކަމަށްވާ ބާޗް ކެބިނެޓްސް އިން އެކުންފުނީގެ 800 މުވައްޒަފުން ގޮވައިގެން އަންނަ މަހު ކެރީބިއަންއަށް ދާން ނިންމާފައިވާ ކަން އެންގީ އެކުންފުނީގެފޭސްބުކް ޕޭޖުގައެވެ.

އެޕޭޖުގައިވާ ގޮތުން ޖެނުއަރީ އަށެއްގައި ކުންފުނީގެ މުވައްޒަފުން ކެރީބިއަން އަށް ދަތުރު ފެށުމުން އެކުންފުނީގެ ހުރިހާ އިދާރާތައް ޖެނުއަރީ ނުވަޔަކުން 13އަށް ބަންދު ވާނެ އެވެ.

އެ ކުންފުނީގެ ރައީސް ގޭރީ ބާޗް ވިދާޅުވި ގޮތުގައި ޖެނުއަރީ އަށެއްގައި އަޔޯވާ އިން ފްލޮރިޑާއަށް މުވައްޒަފުން ގެންދާނީ ހަތަރު ޗާޓަރު ފްލައިޓުގަ އެވެ. އަދި އެދުވަސް ފަސް ތަރީގެ ހޮޓަލެއްގައި ހޭދަ ކުރުމަށް ފަހު އަނެއް ދުވަހު ކްރޫޒްލައިނާއެއްގައި ކެރީބިއަން އަށް ދަތުރު ފަށާނެ އެވެ.

ބާޗް ވިދާޅުވި ގޮތުގައި އެ ދަތުރަކީ މި އަހަރުގެ ކުންފުނީގެ އަމާޒު ހާސިލު ކުރަން އެހީތެރިވި މުވައްޒަފުންނަށް ދޭ ހަދިޔާއެކެވެ. (ސީއެންއެން)