28 Dec 2016, 19:38
އިޓަލީ ވިލާތުގެ މަޝްހޫރު ޑިޒައިނިންގް ކުންފުނި، ލާގޯއިން ޑިޒައިންކޮށް، ޅ. އޫކޮޅުފިނޮޅުގައި ކޮކޫން މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.
ކޮކޫން މޯލްޑިވްސް ރިސޯޓު ހުޅުވާފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ.
ކޮކޫން އިންވެސްޓްމެންޓްސްއިން ތަރައްގީކޮށް، ހުޅުވި ކޮކޫން މޯލްޑިވްސް ރިސޯޓުގައި 150 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާސް، ލެގޫން ވިލާސް، ބީޗު ސުއިޓްސް އަދި ލެގޫން ސުއިޓްސްގެ އިތުރުން 300 އަކަމީޓަރުގެ ޕްރެޒިޑެންޝަލް ސޫޓެއް ވެސް ހިމެނެއެވެ.
މި ރިސޯޓުގައި ދެ ބާ އަދި ތިން ރެސްޓޯރަންޓް ހުރެއެވެ. މީގެ އިތުރުން "ސްޕާ ކޮކޫން"ގެ ނަމުގައި ހިންގާ ސްޕާއެއްވެސް ހުރެއެވެ.

ކޮކޫން މޯލްޑިވްސް --
ކޮކޫން މޯލްޑިވްސްގައި ޑައިވިންގްއާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކާއި އެކްސްކާޝަންތައް ގެސްޓުންނަށް ހަމަޖައްސައިދޭ އިރު، ކުޑަކުދިންނަށް ޚާއްސަ ކިޑްސް ކްލަބެއްވެސް ހުރެއެވެ.
ކޮކޫން މޯލްޑިވްސްގެ ހުރިހާ ވިލާއަކާއި، ބާތަކާއި ރެސްޓޯރަންޓްތަކުގެ ހުރިހާ ތަނެއްވެސް ޑިޒައިން ކޮށްފައިވަނީ އިޓަލީގެ ލާގޯ ކުންފުނިންނެވެ. އެ ކުންފުންޏަކީ އިންޓީރިއާ ޑިޒައިނިންއާއި ފަރުނީޗަރު ޑިޒައިންކޮށް، އުފެއްދުމުގައި އިޓަލީގައި މަތިފަޑީގައި ގުނާލެވޭ ކުންފުންޏެކެވެ.
ކޮކޫން މޯލްޑިވްސްގެ އިތުރުންވެސް، މިއަހަރު ރާއްޖޭގައި 10 އަށް ވުރެ ގިނަ ރިސޯޓު ވަނީ ހުޅުވާފައެވެ.