ށ. ޅައިމަގަކީ ސާފު ރަށެއްގެ ގޮތުގައި ބާއްވައި ރަށުގެ ރައްޔިތުން ކުންޏާ މެދު ހޭލުންތެރި ކުރުވުމަށް ކައުންސިލުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކުގަޔާއި ރަށުގެ ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ އެ ރަށުގެ ތިން މުއައްސަސާ އަކަށް ހަތަރު ޑަސްބިން ހަވާލުކޮށްފަ އެވެ. އެ ގޮތުން ޅައިމަގު ސިއްހީ މަރުކަޒަށާއި އެރަށުގެ ސްކޫލުގެ އިތުރުން ޅައިމަގު އެކުވެރިންގެ ރޫހަށް ވަނީ ޑަސްބިން ހަދިޔާކޮށްފަ އެވެ.

ޅައިމަގު ކައުންސިލުން ރަށުގެ މުއައްސަސާތަކަށް ޑަސްބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޅައިމަގު ކައުންސިލް

ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ އިބްރާހީމް މިއަދު 'ސަން' އަށް ވިދާޅުވީ، ޅައިމަގު ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުއައްސަސާތަކަށް ޑަސްބިން ދީފައިވާ އިރު، ރަށުގެ އެކި ސަރަހައްދުތަކުގައި ވެސް ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ރަށުގެ އަށް ސަރަހައްދެއްގައި ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޣަނީ ވިދާޅުވި އެވެ.

"ކައުންސިލުން މިކަން މިކުރަނީ ޅައިމަގަކީ ސާފު ރަށެއްގެ ގޮތުގައި ބާއްވައި ރަށުގެ ރައްޔިތުން ކުންޏަށް ހޭލުންތެރިކުރުވުމުގެ ގޮތުން. ކުރިން މިރަށަކީ ޖެހުނުތާކަށް ކުނި އުކަމުން ދިޔަ ރަށެއ ނަމަވެސް ކައުންސިލުން ރަށުގެ ތިން ސަރަހައްދެއް ކުނި އެޅުމަށް ކަނޑަ އެޅުމުން، ރައްޔިތުން މިހާރު ކުނި އަޅަނީ އެސަރަހައްދުތަކަށް،" ޣަނީ ވިދާޅުވި އެވެ.

ޅައިމަގުގައި ކުނި އެޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް: ކުނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުން --- ފޮޓޯ/ ޅައިމަގު ކައުންސިލް

ޣަނީ ވިދާޅުވީ މިހާރު އެ ރަށުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ، އުޖޫރަ ދީގެން ރަށުގެ ޖަމިއްޔާ އަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ރަށުގެ ތިން ސަރަހައްދެއް ކުނި އެޅުމަށް ހާއްސަކޮށްފައިވާ ކަމަށެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރު ނިމެންވާއިރަށް ކުނި ނައްތާލާނެ ނިޒާމެއް ގާއިމް ކުރުމަށް އެންވަޔަރަންމަންޓު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއިމިހާރު އެކަމަށް ހާއްސަ ބިމެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.