އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑުން މިޑްސްލްބަރާގެ މައްޗަށް ކުރި ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މިޑްސްލްބަރާގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑް ކުރި ހޯދީ 2-1 ލަނޑުންނެވެ. އެ މެޗުގައި ޔުނައިޓެޑް ކާމިޔާބު ކުރި ދެ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި މިޑްލްސްބަރާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: އޭއެފްޕީ/ގެޓީ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އެންޑާ ހެރޭރާ އުފެއްދި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، މެޗުގެ ހަތް ވަނަ މިނެޓުގައި ހެންރިކް މިކިތާރިޔަން އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ވިކްޓަ ވަލްޑޭސްއާ ދިމާލަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކައިރިކައިރީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕޮގްބާ އުފެއްދި ފުރަތަމަ ހަމަލާ، ގޯލުގެ ހުރަސް ދަނޑީގައި ޖެހުނު އިރު، ޑެލޭ ބްލިންޑް ދިން ބޯޅައަކުން ޕޮގްބާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އެ ފުރުސަތަކުގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މިކިޔާރިޔަން އަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އިރު، އެންތޮނީ މާޝިއަލް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި މިޑްލްސްބަރާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: ގެޓީ

މެޗުގެ ދެ ވަނަ ހާފުގައި ވެސް ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އުފެއްދި ހަމަލާ، ކީޕަރު ވަލްޑޭސް ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް، މިޑްލްސްބަރާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި އަލްވާރޯ ނެގްރޭޑޯ ދިން ބޯޅައަކުން މިޑްލްސްބަރާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގްރޭންޓް ލީޑްބިޓާ އެވެ.

އެ ލަނޑަށްފަހު ވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތެއް ލިބިގެންދިޔަ އެވެ. އެންމެ ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރެވުނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. އިބްރަހިމޮވިޗް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާޝިއަލް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި މިޑްލްސްބަރާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: ގެޓީ

މާޝިއަލްގެ ލަނޑުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިތާ މިނެޓެއް ފަހުން ޔުނައިޓެޑުން ވަނީ ލީޑު ހޯދައިފަ އެވެ. ހުއާން މަޓާ ނަގައިދިން ހުރަހަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕޮގްބާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މިޑްލްސްބަރާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އެ ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ ހަ ވަނައިގަ އެވެ. ޔުނައިޓެޑަށް ކުޅުނު 19 މެޗުން 36 ޕޮއިންޓް ލިބުނު އިރު، ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ވެސް ލިބިފައި ވަނީ 36 ޕޮއިންޓެވެ. ފައިދާ އެއް މެޗު އޮތް ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޔުނައިޓެޑް އަތުން ބަލިވި މިޑްލްސްބަރާ އޮތީ ކުޅުނު 19 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.