އަމިއްލަ ކުންފުންޏެއްގެ ލޯންޗަކުން ފުލުހުންނަށް ކޮށްދީފައިވާ ދަތުރު ތަކަކަށް ދައްކަން ޖެހޭ ހަ ލައްކަ ރުފިޔާ ނުދައްކައިގެން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަންގައި ހުކުމް ކޮށްފި އެވެ.

ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ އެ ކުންފުނީގެ "ލިލީ" ނަމަކަށް ކިޔާ ލޯންޗަކުން ފުލުހުން ބޭނުންވެގެން ގއ. އަތޮޅާއި ގދ . އަތޮޅަށް ކޮށްދީފައިވާ ދަތުރު ތަކަށް ފައިސާ ނުދައްކައިގެންނެވެ.

އެމައްސަލަ ބަލައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ 651،894 ރުފިޔާ އަކީ ފުލުހުން ދައްކަން ޖެހި ނުދައްކަވާ ފައިސާކަން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ހަ މަސް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް ފުލުހުންނަށް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.