03 Jan 2017, 11:52
ހަނޯއީ (ޖެނުއަރީ 3): ވިއެޓްނާމް މީހެއްގެ ބަނޑުގައި 18 އަހަރުވަންދެން އޮތް ކަތުރެއް ނަގައިފި އެވެ.
ވިއެޓްނާމްގެ އުތުރުގައި އޮންނަ ބަކްކާން ޕްރޮވިންސުގެ ރައްޔިތެއް ކަމަށްވާ 54 އަހަރުގެ މާ ވަން އެންހަޓްގެ ހަށިގަނޑު ތެރޭގައި ތޫނު އެއްޗެއް އޮތްކަން އެނގުނީ މިދިޔަ މަހު އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ދިޔުމުން އަލްޓްރާސައުންޑް ޓެސްޓެއް ހެދުމުންނެވެ. އަދި އެހެން ހޮސްޕިޓަލެއްގައި ދެ ވަނަ ޓެސްޓެއް ހެދުމުން ބަނޑުގެ ވާތްފަރާތުގައި، ފަލަ ގޮހޮރު ކައިރީގައި 15 ސެންޓިމީޓަރުގެ (ހަ އިންޗީގެ) ސާޖިކަލް ކަތުރެއް އޮތްކަން ޔަގީންވި އެވެ.
އެހެންކަމުން އެކަތުރު ނެގުމަށް ވެރިރަށް ހަނޯ އީން ވަނީ ހާއްސަ ޑޮކްޓަރުން ގެންގޮސްފަ އެވެ. ތިން ގަޑި އިރަށް ދެމިގެން ދިޔަ އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނީ އެންހަޓްގެ ބަނޑުގައި އޮތް ދަބަރު ޖަހާފައިވާ ކަތުރު ބައެއް ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ހަރުލާފައި ކަމަށް ބުނެފަ އެވެ.

އެންހަޓް އޭނާގެ ބަނޑުގެ އެކްސްރޭއާ އެކު -- ފޮޓޯ: ވިއެޓްނާމް ނިއުސް އޭޖެންސީ
އެންހަޓް ވަނީ އެގޮތަށް ދިމާވީ 1998 ވަނަ އަހަރު ހިނގި އެކްސިޑެންޓަކަށް ފަހު ކުރި އޮޕަރޭޝަނޭއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން ބައެއް ފަހަރު ބަނޑަށް ތަދުވުން ނޫން އިތުރު ކަމެއް އޭނާ އަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހެލްތް މިނިސްޓްރީން ވަނީ މީގެ 18 އަހަރު ކުރިން އެންހަޓްގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ހޯދުމަށް އެއޮޕަރޭޝަން ކުރި، ބަކްކާން ޖެނެރަލް ހޮސްޕިޓަލަށް އެއް ހަފްތާގެ މުހުލަތު ދީފަ އެވެ. ނަމަވެސް ހޮސްޕިޓަލުގެ ޑިރެކްޓަރު ވަނީ ބަލި މީހުންގެ ރެކޯޑުތައް 15 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ނުބަހައްޓާ ކަމުން އެ އޮޕަރޭޝަން ކުރި ޑޮކްޓަރު ހޯދުމަަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އެންހަޓްގެ އޮޕަރޭޝަން ކުރި ހޮސްޕިޓަލުން ވަނީ އޭނާގެ ހާލު މިހާރު ރަނގަޅު ވަމުންދާ ކަމަށާއި އަންނަ ހަފްތާ ތެރޭގައި އޭނާ ގެއަށް ފޮނުވާލާނެ ކަމަށް ބުނެފަ އެވެ. (ބީބީސީ)