ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އެ ކުއްޖަކު ދިރި އުޅޭ އަތޮޅަކުން ލިބުމުގެ އިންތިޒާމު މި މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ މި އަހަރުގެ ޕްލޭންތަކާ ބެހޭ ގޮތުން 'ސަން' އާ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިމަހުން ފެށިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އެ ކުއްޖަކު ދިރިއުޅޭ އަތޮޅަކުން ލިބޭނެ ކަމަށެވެ.

"ކުރީގައި ކޮންމެ ކުއްޖަކު ވެސް މިޖެހެނީ މާލެ އަންނަން، އައިސް ބޭސް ހިފައިގެން ދާން. މިހާރު އެ ކުއްޖަކަށް އެ ކުއްޖެއްގެ އަތޮޅުން ބޭސް ލިބޭނެ. އެ އަތޮޅެއްގައި ހުންނަ ބޭސް ފިހާރައިން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މިހާރު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ހަމައެކަނި ލިބެނީ މާލެ އިންނެވެ. އުސޫލު އޮންނަ ގޮތުން ކޮންމެ ކުއްޖަކަށް ވެސް ބޭސް ދޫކުރާނީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުދޭ ވަކި މުއްދަތަކަށްވާ ވަރަށެވެ. އެ މުއްދަތު ހަމަވުމުން ދެން ޖެހޭނީ އަނެއްކާ ވެސް ޑޮކްޓަރަށް ދައްކައިގެން ބޭސް ނަގާށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އަތޮޅުތަކުން ލިބެން ފެށުމުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން އަތޮޅު ތެރެ އިން ނުލިބޭ ގިނަ ހިދުމަތްތަކެއް ވޭތުވެ ދިޔަ އަހަރު ދޭން ސަރުކާރުން ވަނީ ފަށައިފަ އެވެ. އެގޮތުން ކިޑްނީގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށްދޭ ޑައަލިސިސްގެ ހިދުމަތް މިހާރު ހަ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލުން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަިއދީފަ އެވެ.