04 Jan 2017, 08:40
ރާއްޖޭގެ ޔުނިވާސިޓީތައް އިތުރަށް ހަރުދަނާ ކުރުމަށްފަހު ރާއްޖޭން ބޭރުން ވެސް ފުރުސަތުތައް ހޯދައިގެން އިގްތިޞާދަށް ފައިސާ ވަންނާނެ ދާއިރާއަކަށް ތައުލީމީ ދާއިރާ ހަދަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން ސްކޮލަޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހީންގެ ވިސްނުން ގިނަ ފަހަރު ހުންނަނީ ހަރަދު ކުރުމަށް ކަމަށާއި ލާރި ވަންނާނެ ގޮތްތަކަށް ވިސްނަންޖެހޭ ކަމަށެވެ.
"ސިންގަޕޫރު އަދި މެލޭޝިއާ ފަދަ ތަންތަނަށް ކިޔަވައިދިނުމުގެ އިންޑަސްޓްރީގައި އަޅުނގަޑުމެންނަށް ވާދަކުރެވޭނެ. އަޅުނގަޑުމެންގެ ތެރޭގައި އެބަތިއްބެވި ވަރަށް ވެސް ހުނަރުވެރި ބޭފުޅުން. މި އިންޑަސްޓްރީ ފުޅާކޮށްގެން ބޭނުން ކުރަންވީ ހަމައެކަނި ރާއްޖޭގައި ތިބި ދަރިވަރުންނަކަށް ވެސް ނޫން. މަސައްކަތް ކުރަންވީ ރާއްޖޭން ބޭރުން ވެސް ޔުނިވާސިޓީތަކަށް މީހުން ގެންނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސްކޮލަޝިޕް އެވޯޑް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޔުނިވާސިޓީތައް ހަރުދަނާކުރާއިރު ކައިރި ގައުމުތަކަށް ވެސް ފުޅާކުރަންޖެހެއެވެ. އެގޮތުން ރާއްޖެއާ އެއް ފެންވަރެއްގައި އިސްލާމީ ތައުލީމު ގާއިމްވެފައި ނެތް އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުން އިސްލާމީ ޔުނިވާސިޓީއަށް މީހުން ގެންނަ ނަމަ، ޔުނިވާސިޓީތައް އިންޓަނޭޝަނަލް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ވިސްނުންތެރި ޒުވާން އަދި ތައުލީމް ހާސިލްކުރަން ބޭނުންވާ ބަޔަކު ދިރިއުޅޭ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސަރަހައްދީ ފެންވަރުގައާއި ރާއްޖޭގެ ފުއްދުންތެރި ކަމަށް ބަލާއިރު ވެސް ޕީއެޗްޑީ އަދި މާސްޓާސް ހާސިލްކޮށްގެން ތިބި ގިނަ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށެވެ.
އައިޔޫއެމްއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ޕީއެޗްޑީއަށް ކިޔެވުމަށް ނުވަ މީހަކަށް އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެކަކަށް ރޭ ސްކޮލަޝިޕް ދީފައިވެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ފަޜާތުން ސްކޮލަޝިޕް އެވޯޑް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ސްކޮލަޝިޕް ފުރުސަތުތަކަކީ އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ފަރާތުންނާއި ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ) ފަރާތުން އައިޔޫއެމަށް ދީފައިވާ ޕީއެޗްޑީ ސްކޮލަޝިޕުގެ އަށް ފުރުސަތާއި އައިޔޫއެމްގެ ސްޓާފުންނަށް އެ ޔުނިވާސިޓީން ދީފައިވާ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ސްކޮލަޝިޕް ފުރުސަތެކެވެ.
ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ، މަތީ ތައުލީމް ހާސިލްކޮށްގެން އެނބުރި ރާއްޖެ އައުމަކީ މިއަދު ސްކޮލަޝިޕް ފުރުސަތު ލިބުނު ދަރިވަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ކިޔަވަން ދިއުމުގެ ކުރީން ފައިނޭންޝަލް ޕްލޭނެއް ހެދުމަކީ މުހިއްމު ކަމެއް ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.