އުރީދޫއަށް ޑިސްޓްރިބިއުޝަން ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކުތަކެއް ކުރިމަތިވެ، އިންޓަނެޓް ހިދުމަތައް ބުރޫއަރައިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އުރީގެ މޯބައިލް އިންޓަނެޓާއި ބުރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރުމުގައި ވެސް ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ސަން އަށް ވިދާޅުވީ، އެ ކުންފުނީގެ އިންޓަނެޓު ހިދުމަތައް މައްސަލަތަކެއް ކުރިމަތިވެފައި ވަނީ ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން ކަމަށާއި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މައްސަލަ ހައްލު ކުރެވޭނެ ވަކި ދުވަހެއް ބުނަންނޭނގޭ ކަމަށާއި ބައިނަލްއަގުވާމީ ފަރާތްތަކާ އެކު އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނޫރާ ވިދާޅުވި އެވެ.

ޑީޑޮސް އެޓޭކްތަކުގެ ސަބަބުން ރާއްޖޭގެ ވެބްސައިޓުތަކާއި ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ދޭތެރެ ދޭތެރެއިން ދަނީ ބުރޫއަރަމުންނެވެ.