07 Jan 2017, 16:47
ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ، ޖަރުމަނުގެެ ފޯލްކްސްވާގެން ކުންފުނިން ސްރީލަންކާގައި ވެހިކަލް އެސެމްބްލީ ޕްލާންޓެއް އަޅާ ވާހަކަ އެކުންފުނިން ދޮގުކުރުމާ އެކު، ސްރީލަންކާގެ އާންމުންނާއި ސަރުކާރުންގެ މެދުގައި ބޮޑު އޮޅުމެއް އަރައިފިއެވެ.
ސްރީލަންކާގައި ފޯލްކްސްވާގެން ކުންފުނި އޮޕަރޭޓުކުރަނީ، އެގައުމުގެ ސެނޮކް އޮޓޮމޮބައިލްސް ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ. ފޯލްކްސްވާގެންގެ ވެހިކަލް އެސެމްބްލީ ޕްލާންޓެއް ސްރީލަންކާގައި އެޅުމުގެ ހުއްދަ، ސްރީލަންކާގެ ބޯޑު އޮފް އިންވެސްޓްމެންޓްސް (ބީއޯއައި) އިން ދީފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެ ބޯޑުގެވެބްސައިޓުގައި ބަޔާންކޮށްފައިވެސްވަނީ އެފަދައިންނެވެ.
ސްރީލަންކާގެ ކުރުނޭގަލަ އަވަށުގައި އަޅާ މި ފެކްޓްރީގެ ބިންގާ މިދިޔަ ހަފްތާގައި އެޅި ނަމަވެސް، ރަސްމިއްޔާތު ބޭއްވި އިރު އެތަނުން ފޯލްކްސްވާގެންގެ ނަން ފެންނަން ނެތެވެ. އެ މަޝްރޫއަށް ކިޔާފައިވަނީ އެވެ.
ސްރީލަންކާގެ ސަރުކާރުގެ ޚަބަރުތައް ގެނެސްދޭ ސަރުކާރުގެ ވެބްސައިޓު "ނިއުސް ޑޮޓް އެލްކޭ"އިން އެ ޚަބަރުގެ އެލާޓު ވެސް ފުރަތަމަ ފޮނުވީ ފޯލްކްސްވާގެންގެ ކާރުޚާނާގެ ބިންގާ އަޅައިފިކަމަށް ބުނެއެވެ. ނަމަވެސް ފަހުން ވަނީ، ކަރެކްޝަން މެސެޖެއް ފޮނުވައި، ވެސްޓާން އޮޓޯމޮބައިލް އެސެމްބްލީ ޕްލާންޓުގެ ބިންގާ އެޅިކަމަށް ބަދަލުކޮށްފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އެ ފެކްޓްރީއަށް "ފޯލްކްސްވަގެންގެ ފެކްޓަރީ"އޭ ވިދާޅުވެ، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވާހަކަފުޅުވެސް ދެއްކެވިއެވެ.
އެހެން ނަމަވެސް، ފޯލްކްސްވާގެންއިން އިއްޔެ ވަނީ، އެކުންފުނިން ސްރީލަންކާގައި އިންވެސްޓް ނުކުރާ ކަމަށް ބުނެފައެވެ.
ސަންޑޭޓައިމްސްއަށް ދެއްވި ކޮމެންޓެއްގައި، ފޯލްކްސްވާގެންގެ ތަރުޖަމާނު ކެޓްރިން ހޯމަން ވިދާޅުވީ، ފޯލްކްސްވާގެންއިން އަބަދުވެސް ދަނީ ދުނިޔޭގައި އެކުންފުނީގެ މާކެޓު ފުޅާކުރުމަށް ފުރުސަތުތަކަށް ބަލަމުން ކަމަށެވެ.
"އެހެން ނަމަވެސް ފޯލްކްސްވާގެންގެ ބްރޭންޑުން ލަންކާގައި އިންވެސްޓްކުރުމަށް ނިންމުމެއް ނިންމާފައެއް ނުވޭ. އެހެންކަމުން، ލަންކާގެ ކުންފުންޏަކާ ގުޅިގެން ޕްރޮޑަކްޝަން ފެސިލިޓީއެއް ގާއިމުކުރުމުގެ އެއްބަސްވުމެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.

ވެހިކަލް އެސެމްބްލީ ޕްލާންޓު އެޅުމުގެ ރަސްމިއްޔާތުަގއި ދަމާފައިވާ ބެނާ --
ސްރީލަންކާގައި ހުންނަ ޖަރުމަނު އެމްބަސީއިން ބުނެފައިވަނީ، ފޯލްކްސްވާގެން ނުވަތަ ޖަރުމަނުގެ އެއްވެސް ބައެއްގެ ބައިވެރިވުން އެކަމުގައި އޮތްކަން އެނގިފައި ނުވާ ކަމަށެވެ.
ފޯލްކްސްވާގެންގެ ބައިވެރިވުމެއް މިކަމުގައި އުޅޭކަމުގެ ޚަބަރު، އެކުންފުންޏާއި ޖަރުމަނު ސަރުކާރުންވެސް ނަފީކުރުމާ އެކު، ލަންކާ ސަރުކާރުގެ ބަސް ވެސް މިހާރު ވަނީ ބަދަލުވެފައެވެ.
އޮޅުން އަރާފައިވާ ކަންކަމުގެ ކަށަވަރު މައުލޫމާތަށް ބަލާއިރު، 2015 ވަނަ އަހަރު ފޯލްކްސްވަގެންއިން ވަނީ ލަންކާގައި އެފަދަ ކާރުޚާނާއެއް އެޅުމުގެ ފުރުސަތުތައް ބަލައިފައެވެ. ނަމަވެސް ފޯލްކްސްވާގެންގެ ކާރުތަކުގެ އެމެރިކާގައި ފެންމަތިވުމުގެ ސަބަބުން، ފޯލްކްސްވާގެންއިން ވަނީ ލަންކާގައި ހަރަކާތްތެރިވުމުގެ ޚިޔާލު ދޫކޮށްލައިފައެވެ.
ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޑރ. ހަރްޝާ ޑެސިލްވާ ވިދާޅުވި ގޮތުގައި، ފޯލްކްސްވާގެންއިން އެމިޝަން ޓެސްޓުތަކުގައި މަކަރުހެދިކަމަށް އިއުތިރާފުވުމުން، ހިއްސާގެ ބާޒާރުގައި އެކުންފުނި ވެއްޓި، ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނިން ކަނޑާލަން ޖެހި، 18 ބިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ ގެއްލުން ވި ކަމަށާއި، ލަންކާ ސަރުކާރުން ނިންމީ ފޯލްކްސްވަގެންއަށް ޚާއްސަ ކުންފުންޏެއް ގާއިމުކުރުމަކީ އެހާލަތުގައި އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް ކަމަށެވެ.
އެހެން ނަމަވެސް، ފޯލްކްސްވާގެންގެ ލަންކާގެ އޭޖެންޓް "ސެނޮކް"އިން ވަނީ، ފޯލްކްސްވާގެންގެ ބައިވެރިވުމެއް ނެތި ވިޔަސް ކާރުޚާނާ އެޅުމަށް ނިންމައިފައެވެ. ފޯލްކްސްވާގެން ނޫނަސް، ޔޫރަޕުގެ އެހެނިހެން ބްރޭންޑުތަކުގެ ކާރުތައް އެ ފެކްޓަރީގައި އެސެމްބަލްކޮށް ހެދުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ.

ވެހިކަލް އެސެމްބްލީ ޕްލާންޓު އެޅުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ރަނިލްއާ އެކު ރައީސް ސިރިސޭނާ --
މި އޮޅުންގަނޑު ސާފުކުރެއްވުމުގެ ގޮތުން ލަންކާގެ ބޮޑުވަޒީރު ވިދާޅުވީ މީޑިއާ ސްޓޭޝަންތަކުން އެމަނިކުފާނު އަރިހުން ސުވާލު ކުރެއްވި ނަމަ އެކަމުގެ މައުލޫމާތު ސާފު ކޮށްދިނީސް ކަމަށެވެ.
"އެ ޗެނަލްތަކުން އަޅުގަނޑު ކައިރީގައި ސުވާލު ކުރި ނަމަ އެކަމުގެ ހަގީގަތް ހާމަކޮށްދިނީސް. އަޅުގަނޑާ ޒާތީ ހަސަދައެއް ފިލުވާލުމަށް މިފަދަ ޚަބަރުތައް ފަތުރާކަށް ނުވާނެ،" ރަނިލް ވިދާޅުވިއެވެ.
އެއަށް ފަހު ރަނިލް ވިދާޅުވީ ފޯލްކްސްވާގެން ކުންފުންޏަށް މައްސަލަތަކެއް ދިމާވެފައި އޮތުމުން އެކުންފުނިން ލަންކާގައި އިންވެސްޓްކުރުމުގެ ފުރުސަތު ނުދިނުމަށް ސަރުކާރުން ނިންމީ ކަމަށާއި، އެގައުމުގައި އަޅާ ފެކްޓްރީގައި ހަދާ ކާރުތަކުގެ ތެރޭގައި ފޯލްކްސްވާގެން ބްރޭންޑުވެސް ހިމެނޭނެ ކަމަށެވެ.