ބެންކޮކް (ޖެނުއަރީ 8): ތައިލޭންޑުގެ ދެކުނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 18 މީހަކު މަރުވެއްޖެ އެވެ.

މީގެ ހަފްތާއެއް ކުރިން ކުރަން ފެށި ވިއްސާރައިގެ އަސަރު 700،000 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް ތައިލޭންޑުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ. އެ ހާދިސާގައި 18 މީހަކު މަރުވުމުގެ އިތުރުން އެކަކު ގެއްލިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތައިލޭންޑުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ ކުރިއަށް އޮތް ދެދުވަހު ވެސް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ބުނެފަ އެވެ.

އަދި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތްތައް ހުއްޓި، 1،500 ސްކޫލަކަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ތައިލޭންޑަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދީ، ވަގުތީ ހިޔާތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް އެގައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ ކުރަމުންނެވެ.

މިދިޔަ ހަފްތާ ތެރޭގައި ތައިލޭންޑުގެ އަވަށްޓެރި މެލޭޝިއާގެ އުތުރުގައިވާ ދެސްޓޭޓަކަށް ކުރި ވިއްސާރައިގެ ސަބަބުން އެތައް ހާސް މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި އެވެ. (އަލްޖަޒީރާ)