ދިރާސީ އަހަރު، ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ 2017 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގަ އެވެ. އެ ޚިޠާބުގައި މިނިސްޓަރު ވިދާޅުވީ، މިއަހަރު ސަރުކާރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުމުގެ އާ މަސައްކަތްތަކެއް ފެށުމަށް ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވިސްނުންފުޅާ އެއްގޮތަށް، މުޅި ތައުލީމީ ދާއިރާ އިން ފަށާފައިވާ އިންގިލާބީ ބަދަލާއެކު، މި ދިރާސީ އަހަރު ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ކުރެވިގެންދާނެ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ވިއުގައިގެ ތެރެއިން ސްކޫލްތައް ގުޅާލެވި، އިލްމާއި ހުނަރު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޚިޠާބުގައި މިނިސްޓަރު އައިޝަތު ޝިހާމް އިތުރަށް ފާހަގަކުރެއްވީ މީގެ ކުރިން ސްކޫލްތަކުގައި ލިބެން ނެތް އެތަކެއް މައުލޫމާތުތަކެއް ކުލާހުގެ ތެރެއިން މި އަހަރުގެ ތެރޭގައި ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"އެގޮތުން 21 ވަނަ ގަރުނުގެ މައުލޫމާތާއި ހުނަރު އެއްވެސް ދައްޗެއްނެތި ދަރިވަރުންނަށް ލިބިގެންދާނެ... މިއީ ދަރިވަރުންގެ ހުނަރާއި މަޢުލޫމާތު ތަރައްގީކުރުމަށް ފަހިވެގެންދާ ވަރަށް މުހިއްމު ފުރުސަތެއްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވި އެވެ.

މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، މި ދިރާސީ އަހަރުވެސް ވާނީ ދިވެހި ތައުލީމުގައި ކާމިޔާބު އަހަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް ކުރިއެރުން ލިބޭ، ދުނިޔޭގެ ފެންވަރުގައި ކާމިޔާބީ ހާސިލްކުރާނެ އަހަރަކަށް މި އަހަރު ވާނެ ކަމަށާއި، ހުނަރުވެރި، އިލްމުވެރި ދަރިވަރުންތަކެއް ތައުލީމީ ހިޔާވަހިކަމުގެ ތެރެއިން މުޖުތަމައަށް ނުކުންނާނެ އަހަރަކަށް މި އަހަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނިމިދިޔަ އަހަރަކީ ތައުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް ކަމަށެވެ. އެއަށްވުރެ ކާމިޔާބު އަހަރަކަށް މި ދިރާސީ އަހަރު ހަދަން ސްކޫލްތަކުގެ އެންމެހާ އިސްވެރިންނާއި މުވައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުން އަޒުމްކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.