ފިލިޕީންސްގެ ޖޯލޯ އައިލެންޑްގެ އުތުރުދެކުނުން ކަނޑުގެ އަޑިއަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ބުނެފި އެވެ.

ސެލެބީސް ކަނޑުގެ 617 ކިލޯމީޓަރު އަޑިއަށް އެބިންހެލުން އައިސްފައި ވަނީ އެއަށް ވުރެ ކުޑަ 4.7 މެގްނިޓިއުޑުގެ ބިންހެލުމެއް އެސަރަހައްދަށް އައިތާ ފަސް ދުވަސް ފަހުން ކަމަށް ޔޫއެސްޖީއެސް އިން ބުނެ އެވެ.

އެބިންހެލުމުގެ އަސަރު ޖޯލޯ އައިލެންޑަށް ކޮށްފައި ނުވާ ކަމަށް އެ ރަށުގައި ހުރި ސީސީޓީވީގެ ނޫސްވެރިއަކާ ހަވާލާދީ އިންޑިޕެންޑެންޓްގައިވެ އެވެ. އަދި އެ ބިންހެލުން އައިސްފައި ވަނީ ވަރަށް އަޑިން ކަމުން އޭގެ ސަބަބުން ގެއްލުމެއް ލިބުމަކީ ނުވަތަ ސުނާމީއެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ފިލިޕީންސްގެ ސެއިސްމޮލޮޖިސްޓުން ބުނެ އެވެ.

ނަމަވެސް އޭގެ ސަބަބުން ބައެއް އާފްޓާޝޮކްތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސެއިސްމޮލޮޖިސްޓުން ބުނެ އެވެ. (އިންޑިޕެންޑެންޓް)