12 Jan 2017, 14:28
ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް ގެއްލުނު މައްސަލައިގައި، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ފުލުހުން ސުވާލު ކޮށްފި އެވެ.
ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް "ސަން" އަށް މިއަދު ވިދާޅުވީ، ހާޑު ޑިސްކުތައް ގެއްލިފައިވާ މައްސަލާގައި ފުލުހުން މިއަދު 1:30ގައި، ހ. ފުލިދޫގޭގައި ހުންނަ ރައީސް މައުމޫނުގެ އޮފީހަށް ވަޑައިގެން، އެމަނިކުފާނާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ހާޑު ޑިސްކާ ބެހޭ ގޮތުން ރައީސް މައުމޫނާ ސުވާލުކުރުމުން، އެމަނިކުފާނު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް އަލީމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު އެނގިވަޑައިނުގަންނަވާ ކަމަށާއި މައުލޫމާތުތައް ސާފުކުރުމަށް ފަހު ފަހުން ހާމަކުރައްވާނެ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރުމުން، ޕީޕީއެމްގެ ކުރީގެ އޮފީހުގައި ހުރި ތަކެތި ނެރެގެން ދަރުބާރުގެއަށް ވަނީ ގެންގޮސްފަ އެވެ. އެހެން ނަމަވެސް، ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނޭ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހާޑު ޑިސްކުތައް ނެތް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
ހާޑު ޑިސްކުތައް ގެއްލުނު މައްސަލާގައި ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ގިނަ ފަރާތްތަކެއް ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި އެ ފެކްޝަނުގެ ނައިބު ރައީސުން، ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ާ، އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ހިމެނެ އެވެ.