16 Jan 2017, 11:09
އަންކާރާ (ޖެނުއަރީ 16): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ބާރުތައް ވަރުގަދަ ކުރާ އިސްލާހުތަކެއް ގެނެސްފައިވާ ގާނޫނު އަސާސީ އަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.
ތުރުކީގެ ސަރުކާރުގައި އުރުދުޣާންއަށް އެގްޒެކެޓިވް ބާރުތައް ލިބިގެންދާނެ ގާނޫނު އަސާސީގެ މާއްދާތަކާ ބެހޭ ގޮތުން ބަހުސްކުރުން މިހަފްތާ ތެރޭގައި އަނެއްކާ ވެސް ފަށާނެ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އަނެއްކާ ވެސް ލިބިއްޖެ ނަމަ އާ ގާނޫނު އަސާސީ ފާސްކުރުމަށް އެގައުމުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާނެ އެވެ.
އާ ގާނޫނު އަސާސީގެ ދަށުން މިނިސްޓަރުން އައްޔަން ކުރުމާއި މަގާމުން ވަކިކުރުމުގެ ބާރު ރައީސަށް ލިބިގެންދާނެ އެވެ. އަދި ތުރުކީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމު އުވާލައި، ނައިބު ރައީސަކު ނުވަތަ ނައިބު ރައީސުން އައްޔަން ކުރެވޭނެ އެވެ.
އާ ގާނޫނު އަސާސީ ފާސް ކުރުމަށް ހުށަހެޅި ބިލް ފާސްކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ ފަސް ބައި ކުޅަ ތިން ބައި އަޣުލަބިއްޔަތުންނެވެ.
ތުރުކީގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަންސް ޕީޕަލް ޕާޓީ (ސީއެޗްޕީ)ން ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކާ ދެކޮޅު ހަދަ އެވެ. އަދި އޭގެ ސަބަބުން މިމަހުގެ ނުވަ ވަނަ ދުވަހު ފެށި ބިލުގެ ބަހުސްތައް ވަނީ ބައެއް ފަހަރު ވަަރަށް ހޫނުވެފަ އެވެ. އެގޮތުން މިިދިޔަ ހަފްތާގައި އޮތް ވޯޓުލުން ވީޑިއޯ ކުރަން ސީއެޗްޕީގެ މެމްބަރަކު މަސައްކަތް ކުރުމުން ވެރިކަން ކުރާ އޭކޭޕާޓީ އާއި އެޕާޓީގެ މެމްބަރުންނާ ދެމެދު ވަނީ ތަޅާފޮޅުންތައް ކުރިއަށްގެންގޮސްފަ އެވެ.
މީގެ އިތުރުން ތުރުކީގެ ކުރުދީންނަށް ތާއިދު ކުރާ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ (އެޗްޑީޕީ)ން ވަނީ ވޯޓު ބޯއިކޮޓްކޮށްފަ އެވެ. އެއީ ކުރުދީ ހަނގުރާމަވެރިންނަށް ތާއިދު ކުރި ކަމަށް ބުނެ އެޕާޓީގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވުމުން، އެމީހުންނަށް ވޯޓުގައި ބައިވެރިވުމުގެ ހައްގު ނުލިބުމުން ކަމަށް އެޗްޑީޕީން ބުނެ އެވެ.
ނަމަވެސް ބިލް ފާސްކުރުމަށް އޭކޭޕީން ވަނީ ގާނޫނު ހަދާ މަޖިލީހުގައި ހަތަރު ވަނައަށް އެންމެ ގިނަ މެމްބަރުން ނިސްބަތްވާ ކަނާތު ފިޔައިގެ ނެޝަނަލިސްޓު މޫވްމެންޓް ޕާޓީން ތާއިދު ހޯދައި، މަޖިލީހުގެ އަަޣުލަބިއްޔަތު ހޯދާފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގައި އަދި ވެސް އޮތީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި އާއަހަރު އިސްތަންބޫލަށް ދިން ހަމަލާ ފަދަ ހަމަލާތަކާ ގުޅިގެން ކުއްލި ހާލަތުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ރިޔާސީ އިންތިހާބަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ތުރުކީގެ ފުރަތަމަ ރައީސަކަށް އުރުދުޣާންވެ ވަޑައިގަތީ 11 އަހަރު ވަންދެން ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހުގަ އެވެ. ތުރުކީގައި މިހާރު އޮންނަ ގޮތުން އެގައުމުގައި ރައީސްކަމުގެ މަގާމަކީ ހަމައެކަނި ޝަރަފުވެރި މަގާމެކެވެ. (ބީބީސީ)