ތުރުކީއާއި އިންޑިއާ އަދި އިނިގިރޭސި ވިލާތުގެ އެޕަލް އެޕް ސްޓޯރުން އެޕްލިކޭޝަން ގަންނަން ލިބެން ހުންނަ އަގުތައް ބޮޑުކޮށްފި އެވެ.

ބަދަލުކުރި އަގުތަކާ އެކު އިނގިރޭސިވިލާތުގެ އެޕް ސްޓޯރުގެ އަގުތައް އެމެރިކާ އެޕް ސްޓޯރުގެ އަގުތަކާ އެއްވަރުވާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެޕް ސްޓޯރުން ކުރިން 0.99 ޑޮލަރަށް ގަންނަން ލިބޭ އެޕްލިކޭޝަންތައް މި ބަދަލާ އެކު ލިބެން ހުންނާނީ 1.22 ޑޮލަރަށެވެ.

އިންޑިއާގެ އެޕް ސްޓޯރުން އަގު ބޮޑުކޮށްފައި ވަނީ 33 ޕަސެންޓަށެވެ. އެހެން ކަމުން ކުރިން 0.99 ޑޮލަރަށް ގަންނަން ލިބޭ އެޕްލިކޭޝަންތައް ދެން ލިބޭނީ 1.18 ޑޮލަރަށެވެ. އެއީ އިންޑިއާ ފައިސާ އިން ބަލާއިރު 80 ރުޕީސް އެވެ.

އިންޑިއާގައި އެޕަލް އެޕްލިކޭޝަންތަކުގެ އަގު 33 ޕަސެންޓު މަތިކޮށްފައިވާ އިރު ތުރުކީގައި ބޮޑުކޮށްފައި ވަނީ 30 ޕަސެންޓަށެވެ. އެގޮތުން ކުރިން 2.69 ޓާކިޝް ލިރާއަށް ލިބެން ހުރި އެޕްލިކޭޝަންތައް ދެން ލިބޭނީ 3.49 ލިރާގެ އަގުގައި އެވެ.

އެޕަލް އިން މިފަދަ ބަދަލެއް ގެނެސްފައި މިވަނީ މި ތިން ގައުމުގައި ނަގާ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ)ގެ މިންވަރު އިތުރުކޮށްފައިވުމާ ގުޅިގެންނެވެ. މި ތިން ގައުމުގެ އިތުރުން މި އަހަރު ފެށުމާ އެކު އެޕަލް އިން ވަނީ ރޯމޭނިއާ އާއި ރަޝިއާގެ އެޕް ސްޓޯރުން ލިބޭ އެޕްލިކޭޝަންތަކުގެ އަގުވެސް ބޮޑުކޮށްފަ އެވެ.