23 Jan 2017, 10:18
ވޮޝިންޓަން (ޖަނަވރީ 23): އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ރަސްމީ ގޮތުން ބައްދަލުކުރައްވާ ބޭރު ގައުމެއްގެ ލީޑަރަކީ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ކަން ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޝުން ސްޕައިސާ ވިދާޅުވީ އަންނަ ހުކުރު ދުވަހު ރައީސް ޓްރަމްޕް، އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭއާ ވައިޓް ހައުސްގައި ބައްދަލުކުރައްވާނެއެވެ. މިދިޔަ ހުކުރުދުވަހު ޓްރަމްޕްވަނީ އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ވައިޓް ހައުސް އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުގެ މަދު ވަޒީރަކަށް މެނުވީ ކޮންގްރެސްގެ ރުހުން އަދި ނުލިބެއެވެ.
މިއާއެކު ޓްރަމްޕާއި އޭނާގެ ރިޔާސީ ޓީމުގެ މިހާރުގެ މައިގަނޑު މަސައްކަތްތަކަކީވެސް ސަރުކާރުގެ މުހިއްމު މަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމާއި ސަރުކާރު ވަރުގަދަ ކުރުމުގެ މަސައްކަތްތަކެވެ.
ޓްރަމްޕާ ބައްދަލުކުރެއްވުމަށްޓަކައި އެމެރިކާއަށް ވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގަންނަވާ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އިއްޔެ ވިދާޅުވީ ޓްރަމްޕާއެކު ކުރެއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އިސްކަން ދޭނީ ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން އިނގިރޭސިވިލާތަށް ގެއްލޭ ވިޔަފާރީގެ ފުރުސަތުތައް އެމެރިކާއިން ލިބޭ ގޮތްވޭތޯ ބެލުމަށެވެ.

ރައީސް ޓްރަމްޕް
ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން އިނގިރޭސިވިލާތަށް އަހަރެއްގެ މައްޗަށް 25 ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް އިނގިރޭސި މީޑިޔާއިން ބުނެއެވެ.
މީގެއިތުރުން ނޭޓޯއަކީ އެމެރިކާއަށާއި ޔޫރަޕަށް މުހިއްމު އަސްކަރީ ޖަމާއަތެއްކަން ޓްރަމްޕަށް ވިސްނައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ފައިނޭންޝަލް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި މޭ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯއަކީ މިހާރަށް ބޭނުން ނުވާ އަދި ޒަމާނާ ނުގުޅޭ ބޯދާ ޖަމާއަތެއް ކަމަށް ސިފަކުރައްވާފައެވެ. މީގެއިތުރުން އެމެރިކާގެ އަސްކަރީ ޚަރަދުތައް ކުޑަކުރާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތް ވަނީ ކަންބޮޑުވެފައެވެ.
އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އަށްފަހު އަންނަ ހަފްތާގައި ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖައްސަވާފައި ވަނީ އެމެރިކާގެ އަވަށްޓެރި މެކްސިކޯގެ ރައީސް ބީނާ ނިއުޓޯއާ އެވެ. އެއަށްފަހު ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ އަވަށްޓެރި އެހެން ގައުމެއް ކަމަށްވާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓަން ޓްރޫޑޯ އާއެވެ. (ރޮއިޓާސް)