ޗައިނާއިން ދަނީ، ދުނިޔޭގެ އެކި ގައުމުތަކުގެ މުޖުތަމައުތައް އިސްލާހުކުރުމަށް އެހީތެރިވެ، މަސައްކަތް ކުރަމުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް ވިދާޅުވެއްޖެއެވެ.

ޗައިނާގައި ފާހަގަކުރާ ޗައިނީޒް ނިއު އިޔާގެ މުނާސަބަތުގައި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން މިރޭ ބޭއްވި ޚާއްސަ ހަފްލާގައި، ޗައިނާގެ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ، ރާއްޖެއާ ޗައިނާގެ ބަދަހި އެކުވެރިންކަމީ، އެންމެންނަށް ވެސް އެނގޭ ހަގީގަތެއް ކަމަށާއި، ޗައިނާއިން މިހާރުވެސް ރާއްޖެއަށް ވަމުންދާ އެހީތެރިކަން ދަމަހައްޓައި، ދެ ގައުމަށްވެސް އިގްތިސާދީ އަދި އިޖްތިމާއީ ފައިދާ ކުރުވަނިވި ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ ދުނިޔެ ބަވަނަވުން ނުވަތަ ގްލޯބަލައިޒޭޝަނާ ދެކޮޅަށް އުފެދިފައިވާ ޚިޔާލުތަކާއި ފިކުރުތައް ފެތުރެމުންދާ އިރު، މިދިޔަ އަހަރު ޗައިނާއިން ވަނީ ބަވަނަވުމާ ދެކޮޅަށް ހުރި ފިކުރުތައް ނައްތާލުމަށް މަސައްކަތް ކޮށްފައި ކަމަށެވެ.

އެގޮތުން، ޗައިނާގެ ހަންޖޯގައި މިދިޔަ އަހަރު އޮތް ޖީ20 ސަމިޓުގައި، ޗައިނާއިން ވަނީ އެގައުމުގެ ހިކުމަތްތަކާއި، ދުނިޔޭގެ މައްސަލަތައް ހައްލުކުރުމަށް ޗައިނާއިން ދެކޭ ގޮތްތައް ހާމަކޮށްފައި ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ހަރުދަނާވެ، ރަނގަޅަށް ބިނާވުމަށް ކަމަށާއި، އެކަމަށް ޗައިނާއިން ހުރިހާ ގައުމަކަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ. އަދި ޗައިނާއިން ދަނީ އިގްތިސާދީ ތަރައްގީގެ އާ ހަރުފަތެެއް ދުނިޔޭގައި ފަތުރައި، ދުނިޔޭގެ އިގްތިސާދު ކުރިއަރުވަން ކަމަށް ސަފީރު ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖެއާ ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން، ޗައިނާ ސަފީރު ވަނީ ރާއްޖޭގައި ޗައިނާއިން ކޮށްފައިވާ، އަދި ކުރަމުންދާ ބައެއް ބޮޑެތި މަޝްރޫއުތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫޢާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ސަފީރު ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ޗައިނާގެ ހަތަރު ކުންފުންޏަކުން މިވަގުތުވެސް ރިސޯޓު ތަރައްގީކުރަމުންދާ ކަމާއި، ޖެހިޖެހިގެން ހަތް އަހަރު ވަންދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާގެ ފަތުރުވެރިންކަން ސަފީރު ފާހަގަކުރެއްވިއެވެ.

މިރޭ ޗައިނާ އެމްބަސީއިން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ބޭރުގެ ސަފީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންގެ އިތުރުން ރާއްޖޭގައި ތިބޭ ޗައިނާގެ ޑިޕްލޮމެޓުންނާއި ޗައިނާގެ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.