ދެހާސްފަނަރަ ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމާ ގުޅިގެން އެވަރެސްޓް ފަރުބަދައިގެ އުސްމިނަށް ބަދަލު އައިތޯ ބަލަން އެވަރެސްޓުގެ އުސްމިން އަނެއްކާވެސް ބަލަން ނިންމައިފި ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ ސާވޭޔާ ޖެނެރަލް ސުވަރުނާ ސުއްބާ ރާއޯ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ އުސްމިން އަނެއްކާވެސް ބެލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭ ފަށާނެ އެވެ. އަދި ނޭޕާލު ސަރުކާރުން ވަނީ މަސައްކަތުގައި ބައިވެރިވާނެ އެއްބަސްވެފައި ކަމަށާއި، ދެ ގައުމުން މަސައްކަތް ކުރާނީ އެއްކޮށް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ނޭޕާލްގެ ސާވޭ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޗީފް ގަނޭޝް ބައްޓާ ވިދާޅުވި ގޮތުގައި ދެ ގައުމުން އެފަދަ އެއްބަސްވުމެއް ހަދާފައި ނުވެ އެވެ. ނަމަވެސް ނޭޕާލް އިން ދަނީ އެވަރެސްޓް ފަރުބަދައިގެ އުސް މިން ބެލުމަށް ރާވާމުން ކަމަށް ވިދާޅުވެފަ އެވެ.

މީގެ 62 އަހަރު ކުރިން އިންޑިއާއިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އެވަރެސްޓް ފަރުބަދައިގެ އުސް މިނަކީ 8،848 މީޓަރެވެ. ނަމަވެސް ނޭޕާލްއަށް އައި 7.8 މެގްނިޓިއުޑުގެ ބިންހެލުމުގެ ސަބަބުން ފަރުބަދައިގެ އުސްމިން ވަނީ އެއް މީޓަރު ކުރުވެފައި ކަން ސެޓެލައިޓް ޑޭޓާއިން ދޭހަވާ ކަމަށް ސައިންސުވެރިން ބުނެ އެވެ.

"އަދި އެއްވެސް ކަމެއް ޔަގީން ކުރެވިފައި ނެތް. ބައެއް ސައިންސުވެރިން ގަބޫލު ކުރާ ގޮތުގައި ފަރުބަދަ ވަނީ ކުރުވެފައި. ނަމަވެސް ބައެއް ސައިންސުވެރިން ގަބޫލު ކުރޭ އުސްމިން އިތުރުވި ކަމަށްވެސް،" ރާއޯ ވިދާޅުވި އެވެ. (ބީބީސީ)