26 Jan 2017, 10:53
އާއިލާއާ ދުރުގައި ބީރަށްޓެހި ސިޓީތަކުގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތުން އެ ގައުމުގެ އާ އަހަރު ފާހަގަ ކުރުމަށް އާއިލާ ކައިރިއަށް ދިޔުމަކީ އާއްމު ސަގާފަތެކެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހު ފެށޭ އާ އަހަރު ފާހަގަ ކުރުމަށް، 1،700 ކިލޯމީޓަރު ދުރުގައި އޮންނަ އުފަން ރަށަށް ބައިސްކަލުގައި ދާން މަސައްކަތް ކުރި ޗައިނާގެ ޒުވާނަކަށް މިފަހަރު ދިމާވީ ވަރަށް ދެރަ ގޮތެކެވެ.
ސައުތް ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން ރިޒްހާއޯ ސިޓީން ޖީޖީހާރަށް ޗައިނާގެ ޒުވާނަކު ބައިސްކަލުން ދަތުރުފެށީ އިތުރު ގޮތަކަށް އޭނާގެ އާއިލާ ކައިރިއަށް ދެވޭނެ ފައިސާ ނެތުމުންނެވެ. ނަމަވެސް މެޕަކުން ބަލައިގެން ދަތުރު ކުރަން ނޭނގުމުގެ ސަބަބުން އޭނާއަށް ޖެހުނީ މަގުމަތިން ފެންނަ މީހުން ކައިރިން ދާންވީ ދިމާ އަހައިގެން ކުރިއަށްދާށެވެ.
ނަމަވެސް ޑިސެމްބަރު މަހު ދަތުރު ފެށިތާ 30 ދުވަސް ފަހުން ފުލުހުން އޭނާ ހުއްޓުވި އިރު އެޒުވާނާ ދަތުރު ކުރަމުން ދިޔައީ އޭނާ ދަތުރު ކުރަންވީ މަންޒިލާ ދިމާ އިދިކޮޅަށެވެ. ފުލުހުން އޭނާ ހުއްޓުވީ ބައިސްކަލު ދުއްވުން މަނާ ހައިވޭއެއް މަތިން ބައިސްކަލު ދުއްވުމުގެ ސަބަބުންނެވެ.
އަދި އެމީހާ ވަނީ ގާތްގަނޑަކަށް 500 ކިލޯމީޓަރަށް ނުބައި ދިމާއަކަށް ދަތުރުކޮށްފައިކަން އެނގުމުން ފުލުހުން ވަނީ ޖީޖީހާރަށް ދަތުރު ކުރާ ރޭލަކަށް ބޭނުންވާ ފައިސާ އޭނާއަށް ދީ، އާއަހަރު އޭނާގެ އާއިލާއާ އެކު ފާހަގަ ކުރެވޭނެ ގޮތް މަގުފަހިކޮށް ދީފައި ކަމަށް ސައުތް ޗައިނާ މޯނިން ޕޯސްޓުން ބުންޏެވެ. (ބީބީސީ)