26 Jan 2017, 13:18
މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ބަނގުރަލާ ގުޅޭ ގާނޫނެއް، ބޮޑެތި އަދަބުތަކަކާ އެކު އެކުލަވާލުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ކަސްޓަމްސް ޑޭގެ މުނާސަބަތުގައި މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، މަސްތުވާތަކެތި މަނާކުރާ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ބަޔާންކޮށްފައި ނެތުމުން މިއަދު ވަނީ ވަރަށްބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށެވެ.
"އިސްލާމް ދީނުގައި މަސްތުވާތަކެތީގެ ގޮތުގައި އޮންނަނީ ހަމައެކަނި ހިކި އެއްޗިއްސެއް ނޫން. މަސްތުވާ ކޮންމެ އެއްޗަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް. އެހެންވީމާ ސައްތައިންސައްތަ މުސްލިމް ގައުމެއްގައި ބަނގުރާ އަޅުގަނޑުމެންގެ މުޖުތަމައު ތެރެއިން ފެނުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ހުއްޓުވުމަށް ޓަކައި ކަސްޓަމްސް އިން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 23147 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަނގުރަލުގެ ވާހަކަ ބަޔާންކޮށްފައި ނެތުމުން އެ މައްސަލަ ހައްލު ކުރުމަށް އުނދަގޫވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން މިހާރު އެގެންދަވަނީ ބަނގުރާ ހުއްޓުވުމަށް ހާއްސަ ގާނޫނެއް ހަދަމުން. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ޗުއްޓީ އަށް ފަހު ފެށޭ ދައުރުގެ ތެރެއިން އިރާދަކުރެއްވިއްޔާ މިކަމަށް އަޅުގަނޑުމެންނަށް ހައްލު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހިސާބުން ބަނގުރާ އެތެރެކުރާ ފަރާތްތަކަށް ވެސް ބޮޑެތި އަދަބުތަކެއް ލިބިގެންދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ، ކަސްޓަމްސްގެ އިސްވެރިންގެ މަތިން އެއާޕޯޓްގައި ސްކޭން އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ އޮޑިޓުން ވެސް އެއާޕޯޓުން ބަނގުރާ އެތެރެކުރެވިދާނެ "ލޫޕްހޯލްސް"ތައް ދެނެގަނެވިފައިވާ ކަމަށާއި އެ ކަންކަން މިހާރު ބަންދުކުރެވި ހައްލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓްގެ އިތުރުން ސީޕޯޓްތަކުގައި ވެސް އޮޑިޓެއްކޮށް ބަނގުރާ އެތެރެކުރެވިދާނެ ގޮތްތައް ދެނެގަންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ބޮޑެތި ކޮންޓެއިނާތައް ސްކޭން ނުކޮށް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސް އިން، އެކި ފަރާތްތަކުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 23147 ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކަކީ ބަނގުރާ ނުވަތަ މަސްތުވާތަކެތި އެތެރެކުރުން މުޅިން ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެ ގާނޫނުގައި ހިމަނާނެ ކަމަށް ބެލެވޭ އަދަބުތަކުގެ ވާހަކަ ވިދާޅެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ގާނޫނުގެ ދަށުން، ކުށްކުރާ ފަރާތްތަކަށް "ބޮޑެތި އަދަބުތައް" ދޭނެ ކަމަށެވެ.