އެކި މައްސަލަތަކުގައި ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ނަގާފައި ހުރި 143 ފުޅި ބަނގުރަލާއި ހަތަރު ދަޅު ބިޔަރު ފުލުހުން ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލާފައި ވަނީ އިއްޔެ ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގައި ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

އިއްޔެ ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ބަނގުރާފުޅި އާއި ބިޔަރު ދަޅުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.