27 Jan 2017, 10:56
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތްކުރުމުގެ ބަދަލުގައި، އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސީނިއާ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން އިސްތިއުފާދެއްވައިފިއެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ އިސްމަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ މި ދަނޑިވަޅުގައި، އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގައި ހިމެނޭ އެންމެ އިސް ހަތަރު އޮފިޝަލުން އިސްތިއުފާ ދެއްވާފައި ވަނީ، ޓްރަމްޕް ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ރެކްސް ޓިލަރސަން ހަމަޖެއްސެވުމާއެކުއެވެ.
އާ ސެކްރެޓަރި އޮފް ސްޓޭޓްސް އޮފީހަށް ވަޑައިގަތުމާއެކު އިސްތިއުފާދެއްވި ހަތަރު އޮފިޝަލުންނަކީ، އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް ޕެޓްރިކް ކެނެޑީއާއި، އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް އެޑްމިނިސްޓްރޭޝަން ޖޮއިސް އެނަ ބަރއާއި، އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮންސިއުލާރ އެފެއާޒް މައިކަލް ބޮންޑްގެ އިތުރުން ފޮރިން މިޝަންސްގެ ޑައިރެކްޓަރ، އެމްބެސެޑަރ ގެންޓްރީ ސްމިތު ހިމެނިވަޑައިގަންނަވައެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ އެންމެ އިސް ހަތަރު އޮފިޝަލުން އިސްތިއުފާދެއްވި އިރު، ޓްރަމްޕް ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަނުކުރެއްވި ރެކްސް ޓިލަރސަން އޮފީހުގައި އިންނެވި -- ފޮޓޯ: އޭޕީ
މި ހަތަރު އޮފިޝަލުންނަކީވެސް، ޑިމޮކްރެޓިކް ޕާޓީއާއި އަދި ރިޕަބްލިކަން ޕާޓީގެ ވެރިކަމުގައިވެސް، އެމެރިކާގެ ޚާރިޖިއްޔާގައި ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނެވެ. އެ ހަތަރު ބޭފުޅުންގެ އިސްތިއުފާއާ އެކު ސްޓޭޓް ޑިޕާޓްމަންޓް ގައި ވަނީ ބޮޑު ބާގަނޑެއް ހެދިފައެވެ.
ޓްރަމް މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމާއެކު، އެގައުމުގެ ސަރުކާރުގައި ހިމެނޭ މަދަނީ މުވައްޒަފުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި ސްޓޭޓް ޑިޕާޓްމަންޓުން އިސްތިއުފާ ދެއްވި ހަތަރު ބޭފުޅުންނަކީ، ޓްރަމްޕުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭތީ އިސްތިއުފާދެމުންދާ ގިނަ އަދަދެއްގެ މަދަނީ މުވައްޒަފުންގެ ތެރެއަށް އިތުރުވި އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.
އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިޕްލޮމެޓިކް ސެކިއުރިޓީގެ މަގާމުގައި ހުންނެވި ގްރެގަރީ ސްޓާ އާއި ޑައިރެކްޓަރ އޮފް ބިއުރޯ އޮފް އޯވަސީސް ބިލްޑިންގ އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި ލީޑިއާ މުނީޒްވެސް ވަނީ ހުސްވި ހަފްތާގެ ހުކުރުދުވަހު އިސްތިއުފާދެއްވައިފައެވެ.
އެސޯސިއޭޓެޓް ޕްރެސް (އޭޕީ)އިން ބުނާގޮތުން އިސްތިއުފާދެއްވި އެއްވެސް އޮފިޝަލަކު، އެބޭފުޅުން އިސްތިއުފާދެއްވީ ޓްރަމްޕުގެ ސަރުކާރާމެދު ހިތްހަމަ ނުޖެހޭތީކަމަށް ފާޅުގައި ވިދާޅުނުވި ނަމަވެސް، ޓްރަމްޕް ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވާކަން އެބޭފުޅުން ދަނީ، ހާމަކުރައްވަމުންނެވެ.
އެމެރިކާގެ ޚާރިޖިއްޔާގައި ހިމެނޭ ގިނަ އިސް މުވައްޒަފުންތަކެއް އިސްތިއުފާދެއްވާފައި ވާއިރު، ޓްރަމްޕަށް ވަނީ އޭނާގެ ސަރުކާރުގެ މަތީފަންތީގެ ޑިޕްލޮމެޓިކް ގިނަ މަގާމުތަކަކަށް ބޭފުޅުން އައްޔަންކުރައްވަން ޖެހިވަޑައިގެންފައެވެ.