ހޯޒޭ މޮރީނިއޯ އަކީ، އާދަޔާޚިލާފަށް މޮޅު ކޯޗެއް ނޫން ނަމަވެސް، އޭނާއަކީ ބޭކާރު ކޯޗެއް ނޫން ކަމަށާއި، އަދި އެންޓޯނިއޯ ކޮންޓޭ ޗެލްސީއާ ހަވާލުވީ، ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ކަމަށް އެޓީމުގެ ކުރީގެ ކޯޗް އަވްރަމް ގްރާންޓް ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމާ ކޮންޓޭ ހަވާލުވެ، މިސީޒަންގެ ޕްރިމިއަ ލީގުގައި މިހާތަނަށް އެޓީމަށް ވަނީ، ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދައިދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗް މޮރީނިއޯގެ އިރުޝާދުގެ ދަށުން 2015-16 ސީޒަންގައި ޗެލްސީއަށް ދަށް ނަތީޖާތަކެއް ނެރެވުނު ނަމަވެސް، ކޮންޓޭ އެ ޓީމާ ހަވާލުވިފަހުން އެޓީމުދަނީ ފަސްބެލުމެއް ނެތި ކުރިއަރަމުންނެވެ.

އިޓަލީގެ ޔުވެންޓަސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެޓީމުގެ ކުރީގެ ކޯޗު ކޮންޓޭއާ ގުޅޭގޮތުން، 2007-08 ސީޒަންގައި ޗެލްސީގެ ކޯޗުގެ ގޮތުގައި ހުރި ގްރާންޓް ބުނީ، ކޮންޓޭއަށް ޗެލްސީއާ ހަވާލުވާން ލިބުނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ކަމަށެވެ.

"ކޮންޓޭއަށް އާދެވުނީ އެންމެ ރަނގަޅު ވަގުތު. ކުޅުންތެރީން ތިބީ ބަދަލަކަށް އެދިއެދި،" މިހާރު ގާނާގެ ގައުމީ ޓީމުގެ ކޯޗު ގްރާންޓް ބުންޏެވެ.

"އަހަރެން މޮރީނިއޯއަށް ވަރަށް އިހްތިރާމްކުރަން. އެހެން ނަމަވެސް އޭނާއަކީ ފުޓްބޯޅަ ދުނިޔޭގެ ރަސްގެފާނޭ، ޖީނިއަސްއެކޭ ކިޔައިގެން މީޑިއާއިން ފެތުރިނަމަވެސް އެކަން އަހަންނެއް ގަބޫލެއް ނުކުރަން. އަދި މިހާރު އޭނާއަކީ ބޭކާރު މީހެކޭ ކިޔައިގެން މީޑިއާއިން ފަތުރަނީވެސް ރަނގަޅު ވާހަކަތަކެއް ނޫން.

"މޮރީނިއޯ އަކީވެސް އާދައިގެ ރަނގަޅު ކޯޗެއް. އެހެން ކޯޗުންނަށްވެސް ކުރިމަތިވާކަހަލަ މައްސަލަތަކެއް ކުރިމަތިވީ."

ކޮންޓޭ ޗެލްސީއާ ހަވާލުވީ، 2011-2014އަށް ޖެހިޖެހިގެން ތިން ފަހަރު ޔުވެންޓަސްއަށް އިޓާލިއަން ލީގު ހޯދައިދިނުމަށް ފަހު އެވެ.

ކޮންޓޭ ޗެލްސީއަށް އިރުޝާދު ދެނީ -- ފޮޓޯ: ގޯލް

ގްރާންޓް ގަބޫލުކުރާ ގޮތުގައި، ކޮންޓޭ ޗެލްސީއާ ހަވާލުވުމަށް ފަހު ފުރަތަމަ ދުވަސްކޮޅު، ބައެއް ގޯސްތައް ހެދި ނަމަވެސް ވަރަށް އަވަހަށް އޭނާ އެކަންކަން ރަނގަޅުކުރިއެވެ.

"އަހަންނަށް ހީވަނީ އޭނާ ފުރަތަމަ ފެށީ ސަޕޯޓަރުން ރުއްސުމުގެ މަސައްކަތް. ފުރަތަމަވެސް ޗެލްސީ ލައްވައި އޭނަ ކުޅުވީ 2-2-4، ކުރިން ދުވަހަކުވެސް އޭނާ ކުޅުވި ފޯމެޓެއް ނޫން. އަހަރެންނަކީ އަބަދުވެސް އޭނާގެ ކަންކަން ބަލަމުން އައި މީހެއް،" ގްރާންޓް ބުންޏެވެ.

"ޔުވެންޓަސްއާއެކު އިޓަލީގައި އޭނާ ކުޅުނީ ފަހަތުގައި ތިން ކުޅުންތެރީން ލައިގެން، އަދި ރަނގަޅު ނަތީޖާތަކެއް ވެސް ނެރުނު. ޗެލްސީއާ ހަވާލުވުމަށް ފަހު އޭނާ ބަދަލުވީ. ތިމާގެ ޝަހުސިއްޔަތު ބަދަލުކޮށްގެން ނުވާނެ،"

ގްރާންޓް ބުނީ، ސާރ އެލެކްސް ފާގަސަން، ކޮންޓޭ، އާސީން ވެންގާ ފަދަ، ތަފާތު ސްޓައިލްތަކަށް ކުޅޭ ކޯޗުން ތިބޭނޭ ކަމަށާއި، އަދި ކުއްލިއަކަށް އެމީހުންގެ އެ ސްޓައިލް ބަދަލުކޮށްލުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެކޯޗުންނަށް އެހެން ސިސްޓަމަކަށް ކުޅެން ނޭނގުން އެކަށީގެންވާ ކަމަށްވެސް ގްރާންޓް ބުންޏެވެ.

ގްރާންޓް ބުނީ، އާސެނަލް އަތުން 3-0 ލަނޑުން ބަލިވުމަކީ، ޗެލްސީއަށް ކުރިމަތިވި ނަސީބެއް ކަމަށް ގަބޫލުކުރާ ކަމަށާއި، ސަބަބަކީ އެ މެޗުން ބަލިވުމާއެކު ކޮންޓޭ، އޭނާގެ އަމިއްލަ ސްޓައިލަށް ޓީމު ބައްޓަންކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.