ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު ޒައިދުލް އަމީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

މީހަކަށް ބްލެކް މެއިލްކުރި ކަމުގެ ތުހުމަތުގައި ޒައިދު ހައްޔަރު ކުރީ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެ މުއްދަތު މިއަދު ހަމަވާތީ ޒައިދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.

ޒައިދު ހައްޔަރު ކުރި މައްސަލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ފުލުހުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

ޒައިދުލް އަމީނަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.