މިވަގުތު ބޮލީވުޑުގައި އެންމެ ގަދައަށް ދެކެވެމުން އަންނަނީ ފިލްމު 'ޕަދްމާވަތީ'ގެ ސެޓަށް ގެއްލުންދީ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށް ހަމަލާ ދިން ވާހަކައެވެ. ބޮލީވުޑުގެ ހުރިހާ ފަންނާނުން ކަހަލަ ގޮތަކަށް އަންނަނީ އެ ހަމަލާ ކުށްވެރިކޮށް، އެކަން ކުރި ބަޔަކު ހޯދައި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ފިލްމުގައި ރާނީ ޕަދްމާވަތީގެ ރޯލު އަދާކުރާ ކުޅަދާނަ އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް ވަނީ ހަމަލާއަށް ފަހު ޓުވިޓާގައި އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ.

އެގޮތުން ސެޓުގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ޝޮކެއް ލިބިފައިވާ ކަމަށާއި، އަދި ވަރަށް ފުން ހިތާމައެއް ލިބިފައި ވާކަމަށް ވެސް ދީޕިކާ ވަނީ ބުނެފައެވެ.

"އަހަރެން ޔަގީންކަން ދެން ފިލްމުގައި ތާރީޚު އެއްވެސް ވަރަކަށް އޮޅުވާލާފައި ނުވާނެ ކަން. ފިލްމުގެ ހަމައެކަނި މަގުސަދަކީ ރާނީ ޕަދްމާވަތީ ވަރުގަދަ ޝަޚުސިއްޔަތެއްގެ ކަނބަލެއްކަން އަންގައިދިނުން،" ދީޕިކާ ބުންޏެވެ.

ދީޕިކާގެ ޓުވީޓަށް ފަހު ނިޝާންތު ޖެއިން ކިޔާ ފިރިހެނަކު ވަނީ ދީޕިކާގެ ޓުވީޓަށް ރައްދު ދީފައެވެ. ޕްރިޔަންކާ ވެސް ޓެގްކޮށް އޭނާ ކުރި ޓުވީޓުގައި ބުނެފައި ވަނީ ޕަދްމާވަތީގެ ސެޓުގައި ހިންގި ހަމަނުޖެހުމަކީ ފެށުން ކަމަށާއި، ބޮލީވުޑް އިސްލާހު ނުވެއްޖެ ނަމަ ކުރާނެ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ.

ނިޝާންތު ކުރި ޓުވީޓުގެ ސަބަބުން އެކްޓަރު ރިޝީ ކަޕޫރު ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ރިޝީ ވަނީ ތާކުން ތާކު ނުޖެހޭ ބޭކާރު ވާހަކަ ނުދައްކައި އަންހެނުންނަށް އިހުތިރާމު ކުރުމަށް ނިޝާންތަށް އަންގައިފައެވެ.

ރިޝީ ފާހަގަ ވެފައި ވަނީ އަބަދު ވެސް އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނާ މީހެއްގެ ގޮތުގައެވެ.