އަޑު އިވުމުގެ ދަތިކަން ހުންނަ ފަރާތްތަކާ ސީދާ މުއާމަލާތުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ޖެންޑާ މިނިސްޓްރީއާއި އެ މިނިސްޓްރީއާ ގާތުން މަސައްކަތް ކުރާ ބައެއް މުއައްސަސާތަކުގެ ފަރާތްތަކަށް ސައިން ލޭންގުއެޖް ނުވަތަ އިޝާރާތުގެ ބަހުން ވާހަކަދައްކަން ދަސްކޮށްދޭ ތަމްރީނެއް ކުރިޔަށް ގެންދާ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް ސަރުކާރުގެ 18 ކުންފުންޏަކުން ވަޒީފާ ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ތިން ބެޗަކަށް ބަހާލައިގެން، ބޭސިކް ސައިން ލޭންގުއޭޖް ކޯހެއް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

"ސޯޝަލް ސާވިސް ވޯކާސް، ކައުންސެލަރުން، މިނިސްޓްރީގެ އިސްވެރިން އަދި ޑިޕާޓްމެންޓްތަކުގެ ފަރާތްތަކާއި، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުން ފަދަ، މިދާއިރާގައި މިނިސްޓްރީއާ ގާތުން މަސައްކަތް ކުރާ އެހެން މުއައްސަސާތަކުންވެސް މިކަމުގައި ބައިވެރިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ، މި ތަމްރީނުތަކުގައި 60 އަށް ވުރެ ގިނަ މީހަކު ތަމްރީނުކުރެވޭނެ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިއަދު ވަޒީފާ ހަމަޖައްސައިދިން، ސަރުކާރުގެ 18 ކުންފުނީގެ ފަރާތުންވެސް މިކަމުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ސްކޫލް ނިންމާ ކުދިންނަށް، އިންޓާންޝިޕް ނުވަތަ ވޮލަންޓިއާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

"އެކުދިންނަށް މަސައްކަތަށް އަހުލުވެރިކުރުވުމަކީ ވަޒީފާތަކަށް ނުކުތުމުން ކުދިންނަށް ލިބޭނެ ހިތްވަރެއް،"

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގޭތެރެއާއި ގެއިން ބޭރުގައި އަނިޔާކުރުމާއި، އެފަރާތްތަކާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ކަމާއި، އަދި އެފަރާތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާ ކަމުގެ ރިޕޯޓުތައް މިނިސްޓްރީއަށް ކޮންމެ މަހަކުވެސް ލިބޭ ކަމަށެވެ.

"އެފަރާތްތައް ރައްކާތެރިކުރުމަށް މިފަދަ އަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވޭ. މިކަންކަން ރިޕޯޓުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ޒެނީޝާ ޒަކީ ވިދާޅުވިއެވެ.