31 Jan 2017, 10:38
ކިއުބެކް (ޖެނުއަރީ 31): ކެނެޑާގެ ކިއުބެކްގައި ހުންނަ މިސްކިތަކަށް ވަދެ ބަޑިން ހަމަލާދިން މައްސަލާގައި ފްރާންސާއި ކެނެޑާގެ ރަށްވެހިކަން އޮންނަ މީހެއްގެ މައްޗަށް ަދައުވާކޮށްފި އެވެ.
އުމުރުން 27 އަހަރުގެ އެލެގްޒެންޑާ ބިސޮނެޓްގެ މައްޗަށް ވަނީ ހަ މީހަކު ގަސްތުގައި މަރާލި ކަމުގެ ދައުވާ އާއި ފަސް މީހަކު މަރާލަން މަސައްކަތް ކުރިކަމުގެ ދައުވާކޮށްފަ އެވެ.
އާދިއްތަ ދުވަހު ކިއުބެކް އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ދިން ހަމަލާގައި ހަ މީހަކު މަރުވުމުގެ އިތުރުން 19 މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ފަސް މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ބިސޮނެޓް ހަމަލާދިން މިސްކިތަކީ އޭނާ ޕޮލިޓިކަލް ސައިންސާއި އެންތްރޮޕޮލޮޖީ ކިޔަވަމުން ދިޔަ ލަވާލް ޔުނިވާސިޓީއާ ގާތްގަނޑަކަށް ތިން ކިލޯ މީޓަރު ދުރުގައިވާ މިސްކިތެއް ކަމަށް ކެނެޑާގެ މީޑިއާތަކުން ބުނެ އެވެ. އަދި ބިސޮނެޓް ހައްޔަރު ކުރީ ފުލުހުންނަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ އޭނާ އަމިއްލައަށް ފުލުހުންނަށް ގުޅުމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އެހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. (ބީބީސީ)