31 Jan 2017, 12:23
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ އަލްފާ ކިނަމް ހޯލްޑިންގްސްއާ ގުޅިގެން، އެމެރިކާގެ ޑްރީމް ހޮޓެލް ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ތަރައްގީކުރަން ނިންމައިފިއެވެ.
ޑްރީމް ހޮޓެލް ގްރޫޕަކީ އެމެރިކާގެ ޕަންޖާބީ ވިޔަފާރިވެރިޔާ ސާންތު ސިންހް ޗަޓުވަލް، 1986 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ގްރޫޕުގެ ދަށުން އެމެރިކާއާއި ތައިލެންޑުގައި، އެ ގްރޫޕުގެ ހަތަރު ބްރޭންޑެއްގެ ދަށުން ގިނަ ހޮޓެލްތަކެއް ހިންގައެވެ. ޑްރީމް ހޮޓެލް ގްރޫޕުގެ ހޮޓެލް ބްރޭންޑުތަކުގެ ތެރޭގައި ހިމެނެނީ ޑްރީމް ހޮޓެލްސް، ޓައިމް ހޮޓެލްސް، ދަ ޗަޓުވަލް އަދި އަންސްކްރިޕްޓެޑްއެވެ.
ރާއްޖޭގެ އަލްފާ ކިނަމް ހޯލްޑިންގްސްއާއި ޑްރީމް ހޮޓެލް ގްރޫޕު ގުޅިގެން ހަދާ ދެ ރިސޯޓަކީދަ ޗަޓުވަލް މާގަ މޯލްޑިވްސްއާއި،ޑްރީމް ގަސްވެލި މޯލްޑިވްސްއެވެ.
މި ދެ ރިސޯޓުވެސް ތަރައްގީކުރަނީ ކޮން ރަށްތަކެއްގައި ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން، ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓު ހަދާނީ މުލަކަތޮޅުގެ ތިން ރަށެއްގައި ކަމަށް ހޮޓެލް ބިޒްނަސް ނޫހުގައި ބުނެފައިވެއެވެ. އަދި 500 އަށް ވުރެ ގިނަ ވިލާއާއި، އަށް ރެސްޓޯރަންޓާއި، 20،000 އަކަ ފޫޓުގެ ބޮޑު ވެލްނެސް ކްލަބަކާއި ޑިޒައިނާ ބްރޭންޑުތަކުގެ "އެކްސްކްލޫސިވް ޑިއުޓީ ފްރީ ޝޮޕިންގް"އާ އެކު، މ. އަތޮޅުގައި ހަދާ ދަ ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓު ވާނީ އިންޑިއާ ކަނޑުގައި ހަދާ އެންމެ ބޮޑު އިންޓަގްރޭޓެޑް ރިސޯޓު ކަމަށް ޑްރީމް ހޮޓެލް ގްރޫޕުން ބުނެއެވެ.
އެ ގްރޫޕުން ތަރައްގީކުރާ ދަ ޗަޓުވަލް މާގަ މޯލްޑިވްސް ރިސޯޓުގައި 80 ލަގްޒަރީ ވިލާ، ހަ ޕްރައިވެޓް ބީޗު ވިލާ އަދި ދެ ޕްރެޒިޑެންޝަލް ވިލާގެ އިތުރުން ތިން ރެސްޓޯރަންޓް ހުންނާނެއެވެ. ޑްރީމް ހޮޓެލް ގްރޫޕުން ބުނާ ގޮތުގައި، މި ރިސޯޓު ވާނީ އެކުންފުނީގެ "ދަ ޗަޓުވަލް" ބްރޭންޑުގެ ދަށުން ދުނިޔޭގައި ހުޅުވާނެ ދެވަނަ ރިސޯޓަށެވެ.
ޑްރީމް ހޮޓެލް ގްރޫޕުން ބުނާ ގޮތުގައި ދަ ޗަޓްވަލް މާގަ މޯލްޑިވްސް 2019 ވަނަ އަހަރުގެ ތެރޭގައި، އަދި ދަ ޑްރީމް ގަސްވެލި މޯލްޑިވްސް ރިސޯޓު 2020 ވަނަ އަހަރުގެ ތެރޭގައި ތަރައްގީކޮށް ނިންމައި، ހުޅުވާނެއެވެ.
ޑްރީމް ހޮޓެލް ގްރޫޕުން މިހާރުވެސް ދަނީ ވިއެޓްނާމުގައި ހަދާ ހަތަރު ރިސޯޓެއް މެނޭޖުކުރަމުންނެވެ. އެކުންފުނިން ބުނީ ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކުންފުނީގެ 150 އަށް ވުރެ ގިނަ ހޮޓެލް އަދި ރިސޯޓު ހުޅުވާނެ ކަމަށެވެ.