ވޮޝިންޓަން (ޖެނުއަރީ 31): މުސްލިމް މެޖޯރިޓީ އޮންނަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރާ ދެކޮޅަށް އެގައުމުގެ ބައެއް ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ކުރީގެ ރައީސް ބަރަކް އޮބާމާ ތާއިދު ކުރައްވައިފި އެވެ.

ރައީސް އޮބާމާގެ ހާރިޖީ ސިޔާސަތާއި ޓްރަމްޕުގެ ސިޔާސަތާ އެއްގޮތް ކަންތަކެއް ހުރި ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން އޮބާމާގެ ބަޔާނުގައި ވަނީ "އަގީދާގެ ސަބަބުން ނުވަތަ ދީނީ ތަފާތުކުރުންތައް ގެންގުޅުމަކީ ރައީސް އޮބާމާ ދެކޮޅުހައްދަވާ" ކަމެއް ކަމަށެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ 2011 ވަނަ އަހަރު ހަ މަސް ވަންދެން އިރާގުގެ ރެފިއުޖީންނަށް ވިސާ ދޫކުރުން ރައީސް އޮބާމާ ހުއްޓާލެއްވިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެމެރިކާ އަށް ދިޔުން ޓްރަމްޕް މަނާ ކުރި ރައްޔިތުން ނިސްބަތްވާ ގައުމުތަކަކީ ޓެރަރިޒަމްގެ ނުރައްކާ އޮތް ހަތް ގައުމުގެ ގޮތުގައި ފާހަގަ ކުރީ އޮބާމާގެ ދައުރުގައި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އޮބާމާގެ ވެރިކަމުގައި އިރާގުގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓުވި ނަމަވެސް، އެއަމުރުގެ ސަބަބުން އެމެރިކާގެ ވިސާ އާއި ގްރީން ކާޑު އޮތް އިރާގުގެ ރައްޔިތުންނަށް އަސަރެއް ނުކުރެ އެވެ. އަދި އެއީ ހަމައެކަނި އިރާގުގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ އަމުރަކަށްވީ އިރު ޓްރަމްޕްގެ އަމުރުގެ ދަށުން އިރާގުގެ އިތުރުން ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުންނަށް ތިން މަސް ވަންދެން އެމެރިކާއަށް ނުވަދެވޭނެ އެވެ.

ރައީސް އޮބާމާގެ ފަރާތުން ތަރުޖަމާނު ކެވިން ލިއުވިސް ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާގެ ގަބޫލު ކުރުންތަކާ ހިލާފު ކަމެއް ގައުމުގައި ހިނގާ އިރު ރައްޔިތުން އެއްވެ، ޝުއޫރު ފާޅު ކުރުމަށް އޮތް ހައްގު ބޭނުން ކުރުމަކީ ރައްޔިތުން ކުރަން ޖެހޭ ކަމެކެވެ. އަދި އެފަދަ ކަމެއްގައި ގިނަ ބަޔަކު ބައިވެރިވުމުން ރައީސް އުފާފާޅު ކުރައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް އޮބާމާ ވެރިކަމުން ފައިބައިވަޑައިގަތްތާ އަދި ވީ އެންމެ 10 ދުވަހެވެ. (ސީއެންއެން)