31 Jan 2017, 14:09
ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާޗް މަހުގެ ނުވަ ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.
އެ ދައުވާ އަށް ވިސާމް އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގައިފައެވެ. އަދި ދިފާއުގައި ވިސާމް ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގައިފައެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ފްޓޭޖާ ގުޅޭގޮތުން ވާހަކަދެއްކުމެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ވިސާމް ހުށަހެޅި ދިފާއީ ހެކީން ދައްކާފައިވާ ވާހަކަތަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން ވީޑިއޯ ފުޓޭޖަށް ބެލުމުން އެނގޭ ކަމަށެވެ.
އެ ވީޑިއޯ ފްޓޭޖުން ވިސާމް ހައްޔަރުކުރާ މަންޒަރެއް ނުފެނެއެވެ. އެއިން ފެންނަނީ އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރެވެ. އެހެންވެ ވިސާމްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ އެކަން ފާހަގަކުރައްވައިފައެވެ.
ވިސާމްގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ކަމުގައިވާއިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން އޭނާ ކުރީ ކޮން ކަމެއްކަން ހެކީންގެ ހެކިބަހުންނާއި ވީޑިއޯ ފްޓޭޖުން ވެސް ނޭނގޭ ކަމަށް ހަސީން ވިދާޅުވިއެވެ.
ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެ ދައުވާ ސާބިތުވެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވެސް ވަނީ އެ ހުކުމް އިއްވާފައެވެ.