31 Jan 2017, 18:01
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ ޖަލްސާއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީސް ހ. ހުރަފަގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ "ހޭވައްލާ" ގެ ނަމުގައި ބާއްވާ އެ ޖަލްސާގައި އެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
"ހޭވައްލާ" ޖަލްސާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހަލީލު ވިދާޅުވީ، އެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލު ކުރާނެ ކަމަށާއި ޕާޓީގެ ތަސައްވުރު އެ ޖަލްސާއިން ހާމަވެގެން ދާނެ ކަމަށެވެ.
"މި ބައްދަލުވުމަކީ ޕާޓީގެ ތަސައްވުރު، މި ޕާޓީން ގައުމާ ދޭތެރޭ ގެންގުޅޭ ތަސައްވުރު ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ބައްދަލުވުމަކަށް ވެސް ވެގެންދާނެ،" ހަލީލު ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި 500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ޕާޓީގެ ފަރާތުން ބައިވެރިވާ ކެންޑިޑޭޓުންގެ ފޯމު ތަކުގެ ތެރެއިން 200 އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެތަނުން 150 ފޯމް އެ ކޮމިޝަނުން މިހާރު ބަލައިގަނެފައިވާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނިމާލް ވިދާޅުވީ، "ހޭވައްލާ"ގެ ނަމުގައި ބޮޑު ޖަލްސާއަށް ބޭއްވުމަށް ނިންމާފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުން ކުރުމަށް ހަމަޖައްސާފައިވާ ތީމަކީވެސް "ހޭވައްލާ" ކަމަށެވެ.
ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި ޑީއާރްޕީގެ ހުރިހާ ކެންޑިޑޭޓުން ހޮވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ނިމާލު ވިދާޅުވި އެވެ. އަދި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށްޓަކައި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް އިން ބުނީ އެ ޖަލްސާގައި ވިހި ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭޭ ކަމަށެވެ.