02 Feb 2017, 13:25
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެޕަލް ކުންފުނިން ސެމްސަން އަށް ވުރެ ގިނަ ފޯނު ވިއްކައިފި އެވެ.
ސްމާޓް ފޯނު ވިޔަފާރީގެ ވާދަވެރި މި ދެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެޕަލް އިން އެ މުއްދަތުގައި ވިއްކާފައި ވަނީ 78.3 މިލިއަން ފޯނެވެ. ސެމްސަން އިން ވިއްކާފައި ވަނީ 77.5 މިލިއަން ފޯނެވެ.
މީގެ ކުރިން އަބަދުވެސް ސެމްސަން އަކީ ދުނިޔޭގެ ސްމާޓް ފޯނު މާކެޓުގެ އެންމެ މަތީގައި އޮންނަ ކުންފުންޏެވެ. ނަމަވެސް މިދިޔަ އަހަރު އެކުންފުނިން ނެރުނު ނޯޓް 7 ގެ ބެޓަރީގައި ދިމާވި މައްސަލައަކާ ގުޅިގެން ފޯނުތައް ގޮވައި، ވިއްކި ހުރިހާ ފޯނެއް އަނބުރާ ކުންފުންޏަށް ނެގުމާ ގުޅިގެން މާކެޓުގައި އެކުންފުނިން ވިއްކި ފޯނުތަކުގެ މިންވަރު ވަނީ މަދުވެފަ އެވެ. އެއާ އެކު އެޕަލް ވަނީ މާކެޓުގައި ކުރި ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޕަލް އަށް 75.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު ސެމްސަން އިން އަދި އެކުންފުނީގެ ހިސާބުތައް އާންމު ނުކުރެއެވެ.
އެޕަލްގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވާ ޖުމްލަ އާމްދަނީ ބޮޑު ޕަސެންޓޭޖެއް ހިއްސާ ކުރަނީ އައިފޯނު ވިއްކައިގެން ލިބުނު އާމްދަނީ އެވެ. އައިފޯނު ވިއްކައިގެން އެކުންފުންޏަށް 54 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އައިފޯން 7 ނެރުމާ އެކު ސްމާޓް ފޯނުތަކުގެ މާކެޓުގައި އެޕަލްގެ ޑިމާންޑު ބޮޑުވެ، ސެމްސަންގެ ނޯޓް 7ގެ ފްލޮޕް އާ އެކު ސެމްސަން ގެ ޑިމާންޑު ދަށްވި އެވެ. ނަމަވެސް ސެމްސަންގެ އެހެން އުފެއްދުންތަކުން އެކުންފުންޏަށް ލިބުނު ގެއްލުން ވަނީ ފޫބެއްދިފަ އެވެ. ނޯޓް 7 ފްލޮޕް ވި ނަމަވެސް ކުންފުންޏަށް މާލީ ގޮތުން ގެއްލުމެއް ނުވެ އެވެ.