ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އަށް ޕެޓިޝަނެއް ހުށަހެޅުމުން ރެފްރީންނަށް މުސާރަދިނުމުގައި އިހުމާލުވެވިފައިވާކަން އެސޯސިއޭޝަނަށް އެނގިއްޖެއެވެ.

ރެފްރީންތަކެއް ވީއޭއެމްއަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ރެފްރީން ޕެޓިޝަނެއް ހުށަހަޅަން ލަސްވެއްޖެ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރެފްރީންނަށް މުސާރަ ދިނުމުގައި ކުރީގެ އެޑްމިނިސްޓްރޭޝަނުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ.

"އަޅުގަނޑު ހަވާލުވިއިރު ވެސް އެއް އަހަރުގެ މުސާރަނުދީ އޮތް ކަމަށް އަޅުގަނޑަށް ލަފާކުރެވުނު. މި ޕެޓިޝަން އަޅުގަނޑަށް ނައިނަމަ، އަޅުގަނޑަކަށް ނޭނގުނީސް ރެފްރީން ނިކަމެތިކޮށްލާފައި އޮތްކަމެއް. އެހެންވީމަ މިކަމަށްޓަކައި މި ޕެޓިޝަން ހުށަހެޅުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރި ހުސައިން ހަމީދަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، އެފަދަ ކަމެއް އޮވެއްޖެނަމަ އެ ހުރިހާ ވާހަކައެއް ހިއްސާކުރުމަށް އެދޭ ކަމަށާއި އެ ހުރިހާ ވާހަކައެއް ބަލައިގަންނާނެ ކަމަށެވެ. އަދި ރެފްރީން ޕެޓިޝަން ހުށަހެޅުމުގެ ކުރިން، މިހާރުގެ އެޑްމިނިސްޓްރޭޝަން ހަވާލުވުމަށްފަހު ރެފްރީންނަށް މުސާރަދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރު ލީގާއި ގައުމީ މުބާރާތުގެ ފައިސާ ވާނީ މިހާރު ހުރިހާ ރެފްރީންނަށް ދީފައި. އަޅުގަނޑު މިހާރު ވާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިން ދޭން ހުރި ފައިސާއާއި މިހާރު ކުޅެވިފައިހުރި ހުރިހާ މުބާރާތްތަކަށް ދޭންޖެހޭ ފައިސާދޭނެ ކަމަށް ރެފްރީންނަށް އަންގާފައި. އެހެންވީމަ އަޅުގަނޑުމެން އެކަން ކުރިއަށްގެންދާނަން. އަޅުގަނޑު ވަރަށް އުފާވި ހަގީގަތުގައި މިކަހަލަ ފުރިހަމަ ޕެޓިޝަނެއް އަޅުގަނޑުމެންނަށް ލިބުނީތީ،" އޭނާ ވިދާޅުވިއެވެ.

ވީއޭއެމްގެ ކުރީގެ އެޑްމިނިސްޓްރޭޝަންގެ އެއްވެސް މައްސަލައެއް މިހާރުގެ އެޑްމިނިސްޓްރޭޝަނުން ބަލަމުންދޭތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ލަތީފް ވިދާޅުވީ، "އަޅުގަނޑުމެންނަކީ ފަސް އެނބުރި ބަލާ ބައެއް ނޫން،" ކަމަށެވެ. އަދި މިހާރުގެ އެޑްމިނިސްޓްރޭޝަން ވީއޭއެމްގެ ހިންގުމާ ހަވާލުވީ ވެސް ފަސް އެނބުރި ބަލަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.