ދުނިޔޭގައި ހަތް ބައްރު އޮންނަ އިރު، "އެޓްލާންޓިސް" ކިޔާ، ގެއްލިފައިވާ ޚިޔާލީ ބައްރެއްގެ ވާހަކަތަކެއް ގްރީސްގެ ފިލޯސޮފަރު ޕްލާޓޯގެ ލިޔުންތަކުގައި ހާމަކުރިއެވެ. އެއީ މިހާރު ޣަރަގުވެފައިވާ ތަނެއްގެ ގޮތުގައި ބުނެ އުޅެއެވެ.

ހަގީގަތުގައި ވެސް ޣަރަގުވެފައިވާ ބައްރެއް އޮވޭތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ. ދެހާސް ތޭރަވަނަ އަހަރު ދެކުނު އެފްރިކާގެ ޔުނިވާސިޓީ އޮފް ވިޓްވޯޓާސްރާންޑްގެ ސްކޫލް އޮފް ޖިއޯސައިންސްގެ ޕްރޮފެސަރ ލުއިސް އެޝްވަލް އާއި އޭނާއާ އެކު މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، "މޮރީޝިއާ" ކިޔާ ގަދީމީ ބައްރެއް އިންޑިއާ ކަނޑުގައި ޣަރަގުވެފައިވާ ކަމަށް ބުނާ ނަޒަރިއްޔާއެއް އާންމުކޮށްފައެވެ.

އޭރު އެއީ ނަޒަރިއްޔާއެއްގެ ގޮތުގައި ބަލައިގަނެވުނު ނަމަވެސް، މި ފަހުން އެ ނަޒަރިއްޔާއަށް ބާރު ލިބޭ ހެކިތަކެއް ވަނީ ހޯދާފައެވެ.

ބުނެވޭ ގޮތުގައި މޮރީޝިއާ ބައްރު އޮތީ، އެ ބައްރުގެ ނަން ނިސްބަތްވާ، އިންޑިއާ ކަނޑުގެ މޮރީޝަސް ޖަޒީރާ އޮންނަ ސަރަހައްދުގައެވެ.

މީގެ ގާތްގަނޑަކަށް 85 މިލިޔަން އަހަރު ކުރިން ދުނިޔޭގައި އޮތް ކަމަށް ބެލެވޭ މޮރީޝިއާ ބައްރަކީ މަޑަގަސްކަރައިގެ ހަތަރުބައި ކުޅަ އެއްބައިގެ ސައިޒުގެ ބައްރެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އޭރު އިންޑިއާއާ މަޑަގަސްކަރަ އޮންނަނީ، މިހާރު ހުރި ހިސާބަށް ވުރެ ކައިރި ކައިރީގައެވެ. އެ ދެ ގައުމުގެ ދެމެދުގައި މޮރީޝިއާ ބައްރު އޮވެއެވެ.

މޮރީޝިއާ ބައްރުގެ ބައިބައި މިހާރު ހުރި ކަމަށް ބެލެވޭ ސަރަހައްދުތައް --- ފޮޓޯ/ ސީއެންއެން

ދެން އިންޑިއާއާއި މަޑަގަސްކަރަ، އެއް ގައުމު އަނެއް ގައުމާ ދުރަށް ދަތުރުކުރަން ފެށުމާ އެކު، މޮރީޝިއާ ބައްރުގެ ނެތުން ފެށުނެވެ. އެ ބައްރުގެ ބިންގަނޑު ކަނޑައިގެން ގޮސް، ބައްރު ހަލާކުވެ، ޣަރަގުވީއެވެ.

އެ ބައްރުގެ ބައިތައް މިހާރު ހުރި ސަރަހައްދުތައް ކަމަށް ސައިންސްވެރިން ލަފާކުރާ ސަރަހައްދުތަކަކީ އިންޑިއާ ކަނޑުގައި ހުރި އެހެނިހެން ޖަޒީރާތައް ހުރި ތަންތަނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުތުރުން އޮންނަ ލަކްޝަދީބާއި، ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި އަދި މޮރީޝަސް ޖަޒީރާ ހިމެނެއެވެ.

މޮރީޝަސްގެ ގޮނޑުދޮށްތަކުގައި 2013 ވަނަ އަހަރު ހެދި ދިރާސާއަކުން ވަނީ، ޒަރކޮން ނަމަކަށް ކިޔާ މިނަރަލެއް ފެނިފައެވެ. މޮރީޝަސްގެ ޖަޒީރާ ދުނިޔޭގައި އޮންނަތާ އަށް މިލިޔަން އަހަރު ވީ ނަމަވެސް، މޮރީޝަސްގެ ގޮނޑުދޮށްތަކުން ފެނުނު ޒަރކޮން މިނަރަލްތަކުގެ އުމުރުން ދެ ބިލިޔަނަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް ވެއެވެ.

ދާދި ފަހުން، ޕްރޮފެސަރ އެޝްވެލްގެ ޓީމަށް ވަނީ މޮރީޝަސްއިން ތިން ބިލިޔަނަށް ވުރެ ގިނަ އަހަރު ވެފައިވާ ޒަރކޮން ކްރިސްޓަލްސް ފެނިފައެވެ.

މިއީ، މޮރީޝީއާގެ ގަދީމީ ބައްރަކީ ހަގީގަތުގައި ވެސް ކަނޑުއަޑީގައި ޣަރަގުވެފައިވާ ތަނެއްކަމަށް ބުނާ ބުނުމަށް ބާރު ލިބޭ ކަމެކެވެ.