04 Feb 2017, 18:21
ރާއްޖޭގައި އުފައްދާ މަސް އެމެރިކާގެ ނޯތު ކޯސްޓަށް އެކްސްޕޯޓު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ މަސް އެއްބައްރުން އަނެއްބައްރަށް ގެންދިއުމަށް ކަމަށާއި އެގޮތުން މިދިޔަ ތިން އަހަރު ދުވަސްތެރޭ އިތުރު 13 މާކެޓަކަށް ރާއްޖޭގެ މަސް އެކްސްޕޯޓު ކުރަން ފަށާފައިވާ ކަމަށެވެ.
އެމެރިކާގެ ނޯތް ކޯސްޓަށް ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމާ ގުޅޭ ގޮތުން އެގައުމާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
ޮމިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ތިން އެވޯޑެއް ލިބިފައިވާ ކަމަށެވެ. އެ އެވޯޑުތަކުގެ ސަބަބުން ރާއްޖޭގައި ކުރާ މަސްވެރިކަމުން ބާނާ މަހަކީ ކޮލިޓީ ޕްރޮޑަކްޓެއް ކަމަށް ދުނިޔޭގެ ގައުމުތަކުން ބަލައިގަންނާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ދިވެހި މަސްވެރިކަން ރަނގަޅު ކުރުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އެކުއަކަލްޗާ ކުރުމަށް ބޮޑު ޚަރަދެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ބޭންގު އާލާ ކުރުމާއި، އެންވަތުގައި އެން އާލާ ކުރުމަށްޓަކައި ޚާއްސަ ޕްރޮޖެކްޓުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ގިނަ މާކެޓުތަކަށް ހުރިހާ ކުންފުނިތަކުންވެސް އެބަ ޓާގެޓް ކުރޭ. އަޅުގަނޑުމެންގެ ސަރުކާރު އައި ފަހުން އިތުރު 13 މާކެޓަކަށް އަޅުގަނޑުމެންގެ މަސް އެބަ އެކްސްޕޯޓު ކުރެވޭ. އިތުރު މާކެޓްތަކަކަށޭ މި ދެންނެވީ އިތުރު ސެލިން ޕޮއިންޓްސްތަކަކަށް. އަޅުގަނޑުމެން ވިސްނަމުން މިދަނީ އެއް ބައްރުން އަނެއް ބައްރަށް ރާއްޖޭގެ މަސްވެރިކަން ފުޅާ ކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ މި ސަރުކާރު އައި ފަހުން އިތުރު ކޭނެރީއަކާއި ސްޓޭކްސް ހަދައިގެން އެތަކެތި އެކްސްޕޯޓު ކުރާ ކުންފުންޏަކަށް ފުރުސަތު ދީ އެކަންވެސް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ދިވެހި މަސް ޔޫރަޕްގެ ގައުމުތަކަށް އެސްކްޕޯޓު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން މަސް އެކްސްޕޯޓު ކުރުމަށް ބައެއް ގައުމުތަކަށް ނުވަތަ އެޕްރޯޗު ކުރުމުން ރާއްޖޭގައި ދީނީ މިނިވަންކަން ބޭއްވުމުން ނޫނީ އެކްސްޕޯޓު ނުކުރެވޭނެ ކަމަށް ބުނެ ގިނަ ގައުމުތަކަކުން ރާއްޖޭގެ މަސް ބަލައި ނުގަންނަ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝައިނީ ވިދާޅުވީ ބައެއް ގައުމުތަކަށް ދިވެހި މަސް ނުވިއްކުނު ނަމަވެސް، މިހާރުވެސް ޔޫރަޕްގެ ގައުމުތަކަށް މަސްވިއްކައި އޭގެން ރާއްޖެއަށް ހެޔޮ ވަރެއްގެ ނަފާ ލިބެމުން އަންނަ ކަމަށެވެ.