ބާސެލޯނާއަށް އެންމެ ގިނަ ފްރީ ކިކް ކާމިޔާބްކޮށްދިން ކުޅުންތެރިޔާގެ ރިކޯޑް ލިއޮނަލް މެސީ މުގުރާލައި އެތުލެޓިކޯ ބިލްބާއޯގެ މައްޗަށް 0-3ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އެއްވަނާގައި އޮތް ރެއާލް މެޑްރިޑްއާ ޕޮއިންޓަކާ ކައިރިއަށް ބާސެލޯނާއިން ޖެހިލައިފިއެވެ.

ތާވަލުގެ ދެވަނާގައި ބާސެލޯނާ 21 މެޗުން 45 ޕޮއިންޓް ހޯދައިގެން އޮތްއިރު އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނާގައި އޮތް ސެވިއްޔާ މިރޭ ވިޔަރެއާލް އަތުން މޮޅުވެއްޖެ ނަމަ އެޓީމަށް ވެސް 45 ޕޮއިންޓް ލިބޭނެއެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު އެމެޗުގެ 18 ވަނަ މިނެޓްގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަކޯ އެލަކްސޭރު ވަނީ ބާސާއަށް ލީޑް ނަގައިދީފައެވެ. މިއީ ޕަކޯ ބާސެލޯނާއަށް ކާމިޔާބްކޮށްދިން ފުރަތަމަ ގޯލެވެ.

ބާސެލޯނާގެ ދެވަނަ ގޯލު 40 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ކާމިޔާބްކުރީ މެސީއެވެ. އެ ގޯލާއި އެކު ބާސެލޯނާގެ ތާރީހުގައި މީގެ ކުރިން އެޓީމަށް އެންމެ ގިނަ ފްރީކިކް ކާމިޔާބްކޮށްދީފައިވާ ހޮލެންޑްގެ ކުރީގެ މިޑްފީލްޑާ އަދި އެވަޓަންގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަން ފަހަތަށް ޖައްސާލައި މެސީ ވަނީ ރިކޯޑެއް ހަދާފައެވެ.

ބާސާގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެލެކްސް ވިޑާލް އެވެ.

ލީގްގައި ރޭ އެތުލެޓިކޯ ވަނީ 2-0ގެ ނަތީޖާ އަކުން ލީގަންސްގެ މައްޗަށް ކުރި ހޯދާފައެވެ. އެތުލެޓިކޯގެ ދެ ގޯލު ވެސް އެޓީމަށް ކާމިޔާބްކޮށްދިނީ ފެނާންޑޯ ޓޯރޭޒްއެވެ. އެ ދެ ގޯލާއި އެކު އޭނާ ވަނީ އެތުލެޓިކޯގައި 100 ގޯލު ހަމަކޮށްފައެވެ.