ވޮޝިންޓަން (ފެބްރުއަރީ 6) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު މެލްކަމް ޓާންބުލް އާ ވަރަށް ބޮޑަށް ޒުވާބުކުރައްވައި ޖަދަލުކުރައްވައިފި އެވެ.

ޓްރަމްޕް މިކަން ކުރެއްވީ އޭނާ އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ މިދިޔަ ބުދަ ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގައި ކަމަށާއި ދެބޭފުޅުންގެ ޒުވާބު ހޫނުވީ ރެފިއުޖީންގެ މައްސަލާގައި ޓްރަމްޕް ދެއްކެވި ހަރުކަށި އަދި ގޮތްދުނުކުރާ ވާހަކަތަކުގެ ސަބަބުން ކަމަށް ވޮޝިންޓަން ޕޯސްޓް ބުނެ އެވެ. ވޮޝިންޓަން ޕޯސްޓުން ވަނީ މިއީ ދެގައުމެއްގެ ވެރިންނާ ދެމެދު ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ހަރުކަށި އަދި އެންމެ ހޫނު ޒުވާބުކަމަށް ސިފަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯފާވީ ހަނގުރާމަތައް ހިނގަމުންދާ މެދުއިރުމަތީގެ ގައުމުތަކުންނާއި އެފްރިކާގެ ބައެއް ގައުމުތަކުން އޮސްޓްރޭލިޔާއަށް ދަތުރުކުރާ ރެފިއުޖީންގެ ތެރެއިން ބައެއް މީހުން އެމެރިކާއަށް ހިޖްރަކުރުމުގެ ފުރްސަތު ދިނުމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ބާރުއެޅުއްވުމުންނެވެ. ޓްރަމްޕާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރުގެ ޒުވާބު ހޫނުވެ ޓްރަމްޕްގެ ކޯފާ މާމައްޗަށް ދިޔުމާ އެކު ޓްރަމްޕް ކުއްލިއަކަށް ފޯނުކަނޑުއްވާލެއްވީ ކަމަށް ވެސް ވޮޝިންޓަން ޕޯސްޓް ބުނެ އެވެ.

މިޒުވާބަށް ފަހު ކުރެއްވި ޓުވީޓެއްގައި ޓްރަމްޕް ވަނީ އޮސްޓްރޭލިޔާއަށް ހިޖްރަކޮށްފައިވާ ޣައިރު ގާނޫނީ މުހާޖިރުންގެ އެތައް ހާސްބަޔަކު އެމެރިކާއަށް ގެނައުމަށް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެއްބަސްވެފައިވީ ނަމަވެސް އެކަން އޭނާގެ ވެރިކަމުގައި ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ތަކުންތާކު ނުޖެހޭ ޑީލްއެއް ކަމަށާއި އެކަން އިތުރަށް ދިރާސާ ނުކުރާނެކަމަށް ވެސް ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު

ޓްރަމްޕާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު މެލްކަމް ޓާންބުލްގެ ފޯންކޯލްގައި ޓާންބުލް ވަނީ އޮސްޓްރޭލިޔާއަށް އަންނަ ރެފިއުޖީންގެ ތެރެއިން ގާތްގަނޑަކަށް 1200 ވަރަކަށް މީހުންނަށް އެމެރިކާ އިން ހިޔާވަހިކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. މިގޮތަށް އެދިވަޑައިގަތުމުން ޓްރަމްޕް ވަނީ އެމެރިކާއަށް "ޓެރަރިސްޓުން" ފޮނުވުމަށް އޮސްޓްރޭލިޔާއިން މަސައްކަތް ކުރާކަމުގެ ތުހުމަތު ބޮޑުވަޒީރު މެލްކަމް ޓާންބުލްގެ އިސްތަށި ފުޅުގައި އަޅުއްވާފަ އެވެ.

ނަމަވެސް ޓްރަމްޕް ވަނީ އިރާގާއި ސޫރިޔާއާއި ސޮމާލިޔާއާއި އަފްޣާނިސްތާން ފަދަ ގައުމުތަކުން އޮސްޓްރޭލިޔާއަށް އަންނަ ރެފިއުޖީންގެ ތެރެއިން ގިނަ ބަޔަކު އޮސްޓްރޭލިޔާގެ އަވަށްޓެރި ކުޑަ އަދި ފަގީރު ދެގައުމު ކަމަށްވާ ނައުރޫ އާއި ޕަޕުއާ ނިއުގިނީގައި ވަޒަންވެރި ކުރުވުމުގައި އެމެރިކާއިން އޮސްޓްރޭލިޔާއަށް އެއްބާރުލުން ދޭނެކަން ހާމަކުރައްވާފަ އެވެ.

އިރާގާއި ސޫރިޔާއާއި ސޮމާލިޔާއާއި އަފްޣާނިސްތާނަކީ އެމެރިކާ އެގައުމުތަކަށް އިސްވެ ހަމަލާތައްދީ ހަނގުރާމަތައްފަށައި އަނިޔާވެރި އަމަލުތައް ހިންގުމުގެ ސަބަބުން ހަލާކުވެ ރައްޔިތުން ބިކަ ހާލުގައި ޖެހިފައިވާ ގައުމުތަކެވެ. އެޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ ރައީސުންނާއި އިސްވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކޮށް ޝަރީއަތް ހިންގަންޖެހޭނެކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ނަމަވެސް އެމެރިކާ ދުނިޔޭގެ އެކި ގައުމުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން މަރާލެވޭ ކުށެއްނެތް އެތަށް ލައްކަ ބައެއްގެ މައްސަލަ ބަލައި އިންސާފު ގާއިމް ކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖްތަމައުވަނި ނުކުޅެދިފަ އެވެ. (ނޫސްއެޖެންސީތައް)