07 Feb 2017, 12:00
މާލޭގައި ހުންނަ ޕާކިސްތާނު އެމްބަސީން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ދީފި އެވެ.
އޯޓިޒަމް އެސޯސިއޭޝަންގައި އޮތް ރަސްމިއްޔާތެއްގައި އެ އެސޯސިއޭޝަނަށް ހަދިޔާކުރި 4761.91 ޑޮލަރުގެ (73،248.65 ދިވެހި ރުފިޔާ) ޗެކު ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ސައީދު ޚަވާރު އަލީ ޝާހު އެވެ. އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ފައިސާއާ ހަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން އެވެ.
އެ ރަސްމިއްޔާތަށްފަހު "ސަން" އަށް މައުލޫމާތު ދެއްވަމުން އިފްހާމް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގައި އަޅާ އެ އެސޯސިއޭޝަންގެ އާ އިމާރާތް ހުޅުވައި އެތަނުގައި އޯޓިޒަމް ކުދިންނަށް ކިޔަވައިދޭން ފަށަން ހަމަޖައްސާފައިވާތީ، ޕާކިސްތާނު އެމްބަސީން ހަދިޔާކުރި ފައިސާ ބޭނުން ކުރާނީ އެތަނަށް ބޭނުންވާ ޓީޗިން މެޓީރިއަލްސްތަކާއި ސްޓޭޝަނަރީސް ގަތުމަށް ކަމަށެވެ.

ޕާކިސްތާނު އެމްބަސީން ހަދިޔާކުރި ފައިސާ އޯޓިޒަމް އެސޯސިއޭޝަނާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭއޭ
ޕާކިސްތާނު އެމްބަސީން އޯޓިޒަމް އެސޯސިއޭޝަނަށް އެފަދަ އެހީއެއް ދީފައިވާއިރު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޗައިނާ އެމްބަސީން ވެސް ވަނީ އެ އެސޯސިއޭޝަނަށް 8000 ޑޮލަރު (124902 ދިވެހި ރުފިޔާ) ހަދިޔާކޮށްފަ އެވެ.