08 Feb 2017, 13:29
އުރަމަތީގެ ކެންސަރަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ރަސްމީކޮށް ކްލިނިކް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު އައިޖީއެމްއެޗްގައި ބޭއްވިި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ ކްލިނިކް އަލުން އިފްތިތާހު ކުރެވުނީ ޑިޕާޓްމަންޓް އޮފް ރޭޑިއޮލަޖީ އަދި ޑިޕާޓްމަންޓް އޮފް ސާޖަރީގެ އިސްނެންގުމުގެ މަތިން ވަރަށް ގިނަ ދުވަސް ތަކެއްގެ މަސަތްކަތުން ކަމަށާއި ކުރިއާ ހިލާފަށް އެ ކްލިނިކުން ހިދުމަތް ލިބިގަތުމަށް ފަސޭހަ ވާނެ ކަމަށެވެ.
"ހާއްސަކޮށް އަންހެން ބޭފުޅުން މި ހިދުމަތް ހޯދެވުމަށް ޑޮކްޓަރުންނަަށް އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ގިނަ ތަކްލީފްތަކެއް ނުވަތަ އުނދަގޫތަކެއްގެ ތެރެއިން އެކަން ކުރުމުގެ ބަދަލުގައި ފަސޭހައިން އެކަނބަލުންނަށް ހިދުމަތް ލިބި ދުރާލާ ބަލި ދެނެގަނެ ފަރުވާ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ،" ޝަހީރު ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ ފުރަތަމަ ހިދުމަތް ފަށާނީ ހަފްތާއެއްގެ އެއް ދުވަހު ހިދުމަތް ދޭ ގޮތަށް ކަމަށާއި ނަމަވެސް ތަރުހީބު ލިބޭ ވަރަކަށް ހިދުމަތް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕީޓްމަންޓުން ބަންދު ނޫން ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުުރު 12:00 އަށެވެ. އަދި ސްކްރީން ކުރުމަށްފަހު ސާޖަންއެއްގެ އިރުޝާދު ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:00 އިން މެންދުުރު 14:00 އަށެވެ.
ހިދުމަތް ދިނުން ރޭވިފައިވާ ގޮތް
އައިޖީއެމްއެޗްގެ ހެޑް އޮފް ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ސީނިއާ ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ ޑރ. އައިމިނަތު ނަޒީރު ވިދާޅުވީ އެބޭފުޅުން ރެކޮމަންޑް ކުރަނީ 40 އަހަރުން މައްޗާއި 40 އަހަރުން ދަށުގެ ހައި ރިސްކް ކަނބަލުން ސްކްރީން ކުރެއްވުމަށް ކަމަށެވެ.
"ހައިރިސްކް މީހުނަކީ ފަސްޓް ޑީގްރީ ރިލޭޓިވްސް. އޯވޭރިއަން ކެންސާ ހުރި ފެމެލީއެއްގެ މީހަކަށް ވުން،" އައިމިނަތު ނަޒީރު ވިދާޅުވި އެވެ.
އައިމިނަތު ނަޒީރު ވިދާޅުވީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެ ކްލިނުކުން ފަރުވާ ދެއްވާ ޓީމުގައި ހިމެނޭނީ ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި އަންހެން ޑޮކްޓަރުން އެކަނި ކަމަށާއި ހިދުމަތް ހޯއްދެވުމުގެ ކުރިން ކޮންމެ ކަނބަލެއް ވެސް ރެޖިސްޓާކުރަން ޖެހޭނެ ކަމަށެވެ.
"ހިދުމަތް ހޯދަން ވަޑައިގެންނަވާ ދުވަހު އެކަމަށް ހާއްސަކުރެވިފައިވާ ފޯކަލް ޕޮއިންޓުން ސްކްރީން ކުރެއްވުމަށްފަހު ބޭނުންވާ މައުލޫމާތު އެއްކުރެވޭނެ. މައުލޫމާތުގެ އަލީގައި މެމޯގްރާމް ހެދޭނެ ބައެއް ހާލަތްތަކުގެ އަލްޓްރާ ސައުންޑް ނުވަތަ އެމްއާރުއައި ވެސް ހެދޭނެ. ކެންސަރަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ރިޕޯޓުން ފެނިއްޖެ ނަމަ ކަމުގެ ޚާއްސް ޑޮކްޓަރުންނަށް ފޮނުވޭނެ،" އައިމިނަތު ނަޒީރު ވިދާޅުވި އެވެ.