ތިންވަނަ އެމްބީއޭ ކަޕްގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބުގެ މައްޗަށް ކުރި ހޯދައި، ޒިގްޒެތް ފޯރ ޔޫތު ލިންކޭޖް ފެށުން ރަނގަޅުކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ރެޑް ވިންގްސް އަތުން ޒިގްޒެގް މޮޅުވެފައި ވަނީ 17-44 ޕޮއިންޓުންނެވެ.

އެ މެޗުގައި ޒިގްޒެގަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އައިމިނަތު ޝިއުރާއެވެ. އޭނާ ވަނީ އެ ޓީމަށް 14 ޕޮއިންޓް ހޯދައިދީފަ އެވެ. މެޗުގައި ރެޑް ވިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް ފަސް ޕޮއިންޓް ހޯދައިދިން އަދާ އަހްމަދު ނާޝިދެވެ.

އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީ އާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސް އާއި ރެޑް ވިންގްސް އަދި ރައިވެރިޔާ އެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސް އާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރު ކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.