އިނގިރޭސި ފޯވާޑް އެންޑީ ކެރޯލް އެގައުމުގެ ގައުމީ ޓީމަށް ނުނަގާތީ އޭނާ ކުޅެމުންދާ ވެސްޓް ހޭމްގެ ކޯޗު ސްލެވަން ބިލިޗް ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަދައްކައިފިއެވެ.

އުމުރުން 28 އަހަރުގެ ކެރޯލް އިނގިރޭސި ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެމުބާރާތުގައި އޭނާ ވަނީ ގްރޫޕް ސްޓޭޖްގައި އިނގިރޭސިން 3-2ގެ ނަތީޖާއަކުން ސްވިޑެން އަތުން މޮޅިިވި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ.

"ކޮންމެ ކޯޗެއްވެސް އެނާގެ ޓީމުގައި ކެރޯލް ހިމަނަން ބޭނުންވާނެ. ސަބަބަކީ އޭނީ އަކީ ވޯލްޑް ކްލާސް ކުޅުންތެރިއަކަށް ވުމުން،" ބިލިޗް ބުންޏެވެ.

ބިލިޗް ބުނީ ފުޓްބޯޅައިގެ ވަރުގަދަ ގައުމުތައްް ކަމަށްވާ ޖަރުމަނާއި ސްޕެއިން އަދި ކްރޮއޭސިއާ ފަދަ ޓީމުތަކަށް ކެރޯލްއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި އެފަދަ ކުޅުންތެރިޔަކު އިނގިރޭސި ޓީމުގައި ނުހިމަނަންވީ ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.

ނިއުކާސަލް ޔުނައިޓެޑުން ކެރިއަރު ފެށި ކެރޯލް ވަނީ އެޓީމު 2008 ވަނަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވުމުން ޖެހިގެންއައި އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނިއުކާސަލް ޔުނައިޓެޑުން 2011 ވަނަ އަހަރު ކެރޯލް ލިވަޕޫލަށް ބަދަލުވީ އިނގިރޭސި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައެވެ. ލިވަޕޫލްގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލި، ޖެހިގެންއައި އަހަރު ވެސްޓް ހޭމްއަށް ވިއްކާލައިފައެވެ. ވެސްޓްހޭމް ޔުނައިޓެޑްގައި އޭނާގެ ފަރާތުން އަންނަނީ ތަފާތުމޮޅު ކުޅުމެއް އަނެއްކާ ވެސް ފެންނަމުންނެވެ.