ސްރީލަންކާގައި ބާއްވާ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޭމްޕުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 10 ޒުވާނުން ހޮވައިފި އެވެ.

ސަން ސިޔާމް ގުރޫޕާ ގުޅިގެން ރަފީ ޖަމިއްޔާއިން އޮޅުވެލި ބީޗު ރިސޯޓުގައި ބޭއްވި "މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕު" (އެމްވައިއެލްސީ)ގައި ޖުމްލަ 30 ޒުވާނަކު ބައިވެރިވިއެވެ.

މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕުގައި އެ 30 ބައިވެރިންނަށް، ލީޑަޝިޕާ ގުޅޭ ޚާއްސަ ސެޝަންތަކެއް ބޭއްވުމަށްފަހު، އެންމެ ރަނގަޅު 10 ކުއްޖަކު ވަނީ، މިލޭނިއަމް ޔޫތު އެމްބެސެޑަރުންގެ ގޮތުގައި ހޮވާފައެވެ.

ްއެ އެމްބެސެޑަރުންނަކީ ކޮލޮމްބޯ ލީޑަޝިޕް އެކެޑެމީއާއި، ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ގުޅިގެން މިއަހަރުގެ ތެރޭގައި، ލަންކާގެ ކޮލޮމްބޯގައި ބާއްވާ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޭމްޕުގައި ރާއްޖެ ތަމްސީލުކޮށްދޭނެ 10 ޒުވާނުންނެވެ.

ރަފީ ޖަމިއްޔާގެ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ފައުންޑިންގް ޕްރެސިޑެންޓް އާއިޝަތު ރަފިއްޔާ -- ފޮޓޯ/ ރަފީ ޖަމިއްޔާ

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި، ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ ވިދާޅުވީ، ހަލުއިކަމާ އެކު ދުނިޔެ ބަވަނަވަމުންދާ އިރު، ދުނިޔެއަށް ބޭނުން ވަނީ މެނޭޖަރުންގެ ބަދަލުގައި ލީޑަރުން ކަމަށެވެ.

"ދުނިޔެއަށް ބޭނުންވަނީ މުޖުތަމައު ބައިބައި ނުކުރާ، އެންމެން އެކަތިގަނޑަކަށް ހަދައިދޭނެ، ހުރިހާ އެންމެންނަށް ވެސް ފުރުސަތުތައް ފޯރުކޮށްދޭނެ، އަދި އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ލީޑަރުންތަކެއް،"

ރަފިއްޔާ ވިދާޅުވީ މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕު ބޭއްވީ ޒުވާނުން ބާރުވެރިކޮށް، ރަނގަޅު ލީޑަރުންތަކެއް އުފެއްދުމަށް ކަމަށެވެ.

މި ވޯކްޝޮޕުގައި ރަފީ ޖަމިއްޔާގެ ވޯކްޝޮޕްތަކުގައި ސެޝަންތައް އާންމުކޮށް ނަގައިދޭ ބޭފުޅުންގެ ސެޝަންތަކެއް ކުރިޔަށް ދިޔަ އިރު، ކޮލޮމްބޯ ލީޑަޝިޕް އެކެޑެމީގެ ފަރާތުން ވެސް ވަނީ ސެޝަނެއް ނަގާފައެވެ.