14 Feb 2017, 13:42
ދިއްލީ (ފެބްރުއަރީ 14): މެޑިކަލް ސްކޫލަށް ވަނުމަށް ހަދާ އިމްތިހާނުގައި މަކަރު ހެދި މައްސަލައެއްގައި އިންޑިއާގެ 634 ޑޮކްޓަރުންގެ މެޑިކަލް ލައިސެންސް ކެންސަލްކޮށްފި އެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރިއަށްގެން ދިޔަ ތަހުގީގަކުން ހާމަވި ގޮތުގައި 2008 އާއި 2013އާ ދޭތެރޭ މެޑިކަލް ސްކޫލުތަކުން ޖާގަ ހޯދުމުގެ ގޮތުން އެތައް ސަތޭކަ ކެނޑިޑޭޓުން ވަނީ މަދްޔަ ޕްރަދޭޝްގެ އެގްޒަމިނޭޝަން ބޯޑުން ދޭ ޓެސްޓުތަކުގައި މަކަރު ހަދައިފަ އެވެ.
އެގޮތުން ސުވާލު ޕޭޕަރު ލީކު ކުރުމާއި، އިމްތިހާނު މާކު ކުރާ ފަރާތްތަކުން ޖަވާބުތައް ބަދަލު ކުރުމަށް ފައިސާ ދިނުމާއި، ޓެސްޓު ހެދުމަށް އެހެން މީހަކު ފޮނުވުމާއި ސްކޫލުގެ ޖާގަތައް ބިޑުކޮށް، އެންމެ ބޮޑު އަގެއް ހުށަހަޅާ ކެނޑިޑޭޓަކަށް ދިނުން ހިމެނެ އެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ސްކޫލުތަކުން ޖާގައެއް ހޯދުމަށް އެއް މިލިއަން ރުޕީސް (15، 764 ޑޮލަރު) އާއި ހަތް މިލިއަން ރުޕީސްގެ އަގެއް ބައެއް ކެނޑިޑޭޓުން ހަރަދުކޮށްފައިވެ އެވެ.
ދެހާސްބާރަ ވަނަ އަހަރުން ފެށިގެން ސީބީއައި އިން ވަނީ އެމައްސަލައާ ގުޅުން ހުރި 2،000 ވުރެ ގިނަ މީހުން ހޯދައިފަ އެވެ. އޭގެ ތެރޭގައި މަދްޔަ ޕްރަދޭޝްގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ލަކްސްމިކަންތް ޝަރުމާ އާއި 100 އަށް ވުރެ ގިނަ ސިޔާސީ ޝަހުސިއްޔަތު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މީގެ އިތުރުން، އެ މައްސަލައާ ގުޅުން ހުރި 33 މީހަކު ފާއިތުވި ތިން އަހަރު ތެރޭގައި ގޮތްނޭނގޭ ގޮތްގޮތަށް މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)