15 Feb 2017, 09:55
އިކޮނޮމިކް މިނިސްޓްރީން ދޭ ބައެއް ޚިދުމަތްތައް އައުޓްސޯސްކޮށްގެން ދޭނެ އަމިއްލަ ފަރާތްތައް ނުވަތަ ބިޒްނަސް ސާވިސް އޭޖެންޓުން ހޯދަން އެ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭކަމަށެވެ. އެގޮތުން މި މަހުގެ 23 ވަނަ ދުވަހު އެކަމާ ގުޅިގެން މައުލޫމާތު ދިނުން އޮންނާނެ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާނީ މާޗް ދެ ވަނަ ދުވަހުގެ 13:00 ގައި ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ދޭ ރެޖިސްޓްރޭޝަން ޚިދުމަތްތަކާއި ބައެއް ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ބައެއް ހިދުމަތްތައް އައުޓްސޯސްކޮށްގެން ކޮށްދޭނެ އަމިއްލަ ފަރާތްތަކެއް އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ތެރޭގައި އަމިއްލަ ކޮންސަލްޓަންޓުންނާއި، ވިޔަފާރި ކޮންސަލްޓަންސީ ދޭ ކުންފުންޏަކާއި، ލޯ ފާމްތަކާއި އޮޑިޓް ފާމްތަކެއް ހިމެނޭ ގޮތަށް ނުވަ ފަރާތަކަށް ހުއްދަ ދިނެވެ.
އެ މިނިސްޓްރީގެ ޚިދުމަތްތައް އައުޓްސޯސްކޮށްގެން ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި އިރު މިދިޔަ ހޯމަ ދުވަހު އެމިނިސްޓްރީން ވަނީ އެކަމަށް މިމަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ބުނެފައެވެ.
ބިޒްނަސް ސާވިސް އޭޖެންޓުންގެ މަސްއޫލިއްޔަތަކީ އިކޮނޮމިކް މިނިސްޓްރީން ދޭ ބައެއް ޚިދުމަތްތައް، ވެލިއު އެޑެޑް ސާވިސްއެއްގެ ގޮތުގައި ފޯރުކޮށްދިނުމެވެ.
މިނިސްޓްރީން ބިޒްނަސް ސާވިސް އޭޖެންޓުން ތައާރަފުކުރީ، އެހެން ބަޔަކު ލައްވައި އެ މަސައްކަތްތައް ކުރުމުން މިނިސްޓްރީގެ މަސައްކަތަށް ލުއި ކުރުމަށެވެ.