15 Feb 2017, 13:34
ސިޔާސީ ދާއިރާގައި ނަގާކިޔާ ޝަހުސިއްޔަތަކަށް ވިޔަސް، އަލީވަހީދަކީ ކުޑައިރުއްސުރެ ޅެން ހެދުމަށް ވެސް ފިސާރި ފޯރިއެއް ހުންނަ މީހެކެވެ. މިފަހަރު ވެސް އަލީ ވަހީދުގެ ތަފާތު މަސައްކަތެކެވެ. "ލޯބިކަން" މި ޅެމަށް، އަމިއްލަ ރާގަކަށް، މަޝްހޫރު ކޮމްޕޯސާ، ކުޑައިއްބެ ކިޔާފައިވާ ލަވަ މިމަހު 20 ވަނަ ދުވަހު ރިލީސްކުރަން ވަނީ ނިންމާފަ އެވެ. ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކޮށްފައި ވަނީ "ސަންޝައިން ޕްރޮޑަކްޝަން" އާއި "ޓޮނިކް ލައިވް ސްޓޫޑިއޯ" ގުޅިގެންނެވެ.
މިއީ މިއަހަރު ނެރޭނެ ވީޑިއޯ ލަވަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ "ވަރުގަދަ" ދިވެހި ވީޑިއޯ ލަވައަށް ވާނެ އެވެ. ލަވަ "ވަރުގަދަ" ލަވައަކަށް ވަނީ، ޅެން ހައްދަވާފައި ވަނީ އެންމެ ނަގާކިޔާ ސިޔާސީ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. އަމިއްލަ ރާގަކަށް ލަވަ ކިޔައި މިއުޒިކް ހަދާފައި ވަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ ކޮމްޕޯސާ، ކުޑައިއްބެ އެވެ. ވީޑިއޯގެ މަސައްކަތް ކޮށްފައި ވަނީ ސިނެމެޓޮގްރަފީގެ ގައުމީ އެވޯޑް އަތުގައި އޮތް ހަމައެކަނީ އާޓިސްޓް، ހުސެން މުނައްވަރު (ކިޑޫ) އެވެ.
ދެ ލޯބިވެރިންގެ ލޯބީގެ ގުޅުމުގެ މަންޒަރުތައް ފެންނަ އެ ލަވައިގައި ކުޑައިއްބެއާ އެކު އެކްޓްކޮށްފައި ވަނީ ފިލްމީ ދާއިރާއަށް އަލަށް ނުކުތް ޝިޔާ މުހައްމަދު އެވެ. ލަވައިގެ ޝޫޓިން އއ. ތޮއްޑޫގައި ކުރިއަށްގެންދިޔަ އިރު، ސިނެމެޓޮގްރަފީ އާއި އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ހުސެން މުނައްވަރު އެވެ. ކޮސްޓިއުން ޑިޒައިންކޮށްފައި ވަނީ ސޭންޑީ އެވެ. އަދި މޭކަޕްގެ މަސައްކަތް ކޮށްފައި ވަނީ ރިޝްފާ (އުޒާނި ސެލޫން) އެވެ.
ކުޑައިއްބެ އަކީ އަބަދުވެސް އޭނާގެ ލަވަތަކުން ތަފާތެއް ގެނެސްދޭ ފަންނާނެކެވެ. އެންމެ ކުރީއްސުރެ އިއްބެގެ ކޮންމެ ލަވައަކަށް ވެސް އަންނަނީ އަޑުއެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ހާއްސަކޮށް އިއްބެގެ ވީޑިއޯ ލަވަތަކަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކާމިޔާބީތައް ހޯދާފައިވާ ލަވަތަކެވެ. އޭނާގެ ލަވަތައް ގިނަ މީހުންނަށް ކަމުދަނީ ހިތްގައިމު އަމިއްލަ ރާގުތަކަކަށް އިއްބެގެ ރީތި އަޑުން ލަވަތައް ކިޔާފައި ވުމެވެ.
ލަވައިގެ ބީޒާއެއް ކުޑައިއްބެގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައި ވަނީ އޭނާގެ "އެދެމޭ ކަލާޔާ" މި ލަވައާ ގުޅޭ ގޮތަށެވެ. ނަމަވެސް އިއްބެ ބުނީ މި ލަވައަކީ އެ ލަވައާ ގުޅުމެއް ނެތް މުޅިން އެހެން ރާގަކަށް ކިޔާފައިވާ ލަވައެއް ކަމަށެވެ. ނަމަވެސް ލަވަ ނިމޭރިއު "އެދެމޭ ކަލާޔާ" ގެ ދެތިން ޖުމްލައެއް އަޑުއިވޭނެ ކަމަށް އިއްބެ ބުންޏެވެ. އިއްބެ ބުނި ގޮތުގައި މިއީ އޭނާއަށް ވެސް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ބުރަ އެއް މަސައްކަތް ކަމަށެވެ.
ލަވައިގެ މަސައްކަތާ ގުޅޭ ގޮތުން ޑައިރެކްޓަރު ހުސެން މުނައްވަރު ބުނީ، މިއީ އޭނާ އަށް މިހާތަނަށް ލަވައަކަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ބުރަ މަސައްކަތަށް ވާނެ ކަމަށެވެ. ކުރު ލޯބީގެ ފިލްމެއްގޮތަށް މަންޒަރުތައް ފެންނަ އެ ލަވައިގައި ފެންނާނީ އިއްބެ އޭނާ އަލަށް ދަތުރުކުރާ ރަށަކުން ރީތި އަންހެން ކުއްޖެއް ފެނިގެން އެކުއްޖާ ސިފަކޮށް ޅެމެއް ހަދައިގެން ލަވައެއް ކިޔާ ތަނެވެ.