މޫސަލް(ފެބްރުއަރީ 20): އިރާގުގެ އުތުރުގެ ރަށެއްކަމަށްވާ މޫސަލްއަށް އެމެރިކާދިން ވައިގެ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވެއްޖެއެވެ.

އިރާގުން ލިބޭ ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މޫސަލްގެ ހުޅަނގު ފަޅީގައިވާ އާންމުންގެ ގެދޮރަށާއި ފިހާރަތަކަށާއި ސްކޫލްތަކަށެވެ. އެމެރިކާގެ ހަނގުރާމަމަތީ ފައިޓަރ ޖެޓްތަކުން މިއަދު ހެނދުނު މިހަމަލާތައް ދިނީ އައިއެސް ޖަމާއަތުގެ އަތްދަށުގައިވާ، މޫސަލްގެ ހުޅަނގު ފަޅި މިނިވަން ކުރުމުގެ އަސްކަރީ އޮޕަރޭޝަން އިރާގު ސިފައިން އިއްޔެ ފަށާފައިވަނިކޮށެވެ.

އަލްޖަޒީރާ ބުނާގޮތުން މޫސަލްގެ ހުޅަނގު ފަޅީގެ އައްޝިފާ އަވަށަށް އެމެރިކާ ދިން ވައިގެ ޙަމަލާތަކުގައި އާންމުންގެ 49 މީހުން މަރުވެފައިވާއިރު މީގެތެރޭގައި 20 އަންހެނުންނާއި 12 ކުޑަކުދިން ހިމެނެއެވެ. އެމެރިކާ ހިންގި މިޖަރީމާއާބެހޭގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އިރާގު ސަރުކާރުންވެސް މިކަން ދެނެހުރިކަމަށް ހަދާފައެއް ނުވެއެވެ.

ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ އަތްދަށުން މޫސަލް ސިޓީ މިނިވަން ކުރުމުގެ ހަނގުރާމަ އިރާގު ސިފައިން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިހަނގުރާމައަށް ވައިގެ މަގުން އެހީތެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ.

ފާއިތުވި ހަތަރުމަސްތެރޭގައި އިރާގު ސިފައިން އައިއެސް އާ ދެކޮޅަށްކުރި ހަނގުރާމައިން މޫސަލްގެ އިރުމަތީ ފަޅި މިނިވަންކުރެވިފައިވާއިރު އެ ހަނގުރާމައިގާ އާންމުންގެ އެތަށް ސަތޭކަ ބަޔަކުވެސް މަރުވެ އެތަށް ލައްކަބަޔަކު ވަނީ ހާލުގައިޖެހިފައެވެ. އަދި ރެފިއުޖީންގެ ގޮތުގައި މޫސަލްގެ އާންމުންގެ ލައްކައަކަށްވުރެ ގިނަމީހުން އެރަށުން ބޭރަށްވެސް ގޮސްފައިވެއެވެ. މި ހަނގުރާމައިގާ މޫސަލްގެ އިރުމަތީ ފަޅީގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފައެވެ.

އިރާގު ސަރުކާރުންވެސް ވަނީ މޫސަލް މިނިވަން ކުރުމުގެ ހަނގުރާމައަކީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކަމަށް ބުނެފައެވެ. ނަމަވެސް ހަނގުރާމަ މެދުކަނޑާލާނީ މުސަލްގެ ހުޅަނގު ފަޅިވެސް މިނިވަން ކުރުމަށްފަހުގައި ކަމަށް އިރާގު ސަރުކާރުން ބުނެއެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ މޫސަލްގެ ހުޅަނގުފަޅި އައިއެސްގެ އަތްދަށުން މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގާ އިރާގުގެ އާންމުންނަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އިރާގުގެ ލަޝްކަރުތަކަށާއި ސަރުކާރަށް ތާއީދުކުރާ މިލީޝިޔާ ތަކަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް މޫސަލް މިނިވަންކުރުމުގެ ހަނގުރާމައިގާ އިރާގު ސިފައިންނަށް ވާގިވެރިވާ އެމެރިކާ ސިފައިންނަށް މިފަދަ އެއްވެސް އިލްތިމާސެއް ބޮޑުވަޒީރު އަބާދީ ކުރައްވާފައެއް ނުވެއެވެ. (އަލްޖަޒީރާ)