އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގައި މިއަދު ހަވީރު މޯހަން ބަގާންއާ ދެކޮޅަށް ރާއްޖޭގެ ކްލަބު ވެލެންސިއާ ކުޅޭ މެޗުގައި އެޓީމުގެ މިޑްފިލްޑަރު މުހައްމަދު ތަސްމީން (ތައްތި)އަށް ނުކުޅެވޭނެ ކަމަށް އެކްލަބުން ބުނެފިއެވެ.

'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެމުން ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ)ބުނީ، މިއަދުގެ މެޗުގައި އަނިޔާގެ ސަބަބުން ތައްތިއަށް ބައިވެރިނުވެވޭނެ ކަމަށެވެ.

"އެންމެ ފަހުން ކުޅުނު މެޗުގައި ތައްތިގެ ކަކުލަށް ވަނީ އަނިޔާވެފައި. އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ކަށަވަރެއްނުވޭ. މިހާރު މެޑިކަލް ޓީމުން ދަނީ ތައްތިއަށް ލިބިފައިވާ އަނިޔާ ބަލަމުން،" އޭނާ ބުންޏެވެ.

އެންމެ ފަހުން ވެލެންސިއާ ކުޅުނު ވާދަވެރި ތިން މެޗުގައިވެސް ތައްތި ވަނީ ފުރަތަމަ 11ގައި ކުޅެފައެވެ. ތައްތިއަކީ މިސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ވެލެންސިއާއަށް ބަދަލުވި ކުޅުންތެރިއެކެވެ. އޭނާގެ އިތުރުން އެޓީމުގެ މުހައްމަދު މުސްލިހު ވެސް ހުރީ އަނިޔާގައެވެ.