ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތްކޮށްދެވޭނެ ގާބިލު ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުކުރުމަށް، މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ ހިތާބުގައި ހޯމް މިނިސްޓަރު އަދި ލޯކަލް ގަމަވަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަޒްލީން އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމަކީ ގާނޫނީ ހަޔާތަށް ގެނެވުނު އިންގިލާބެއް ކަމަށާއި ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބަސް ކޮންމެ ދުވަހަކުމެ ލިބިގަތުމަށް ކޮށުނު މުހިއްމު މަގެއް ކަމަށް ވެސް އަޒްލީން ފާހަގަ ކުރައްވާފައިވެ އެވެ.

"ސިޓީ ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ދެވޭ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރުތީބު ކުރުމަށް ލިބުނު ގާނޫނީ ފުރުސަތެކެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާ އެކު ޖަވާބުދާރީވުމުގެ އުސޫލުގެ މަތިން ހެޔޮގޮތުގައި ކުރުމަށް ލޮބުވެތި އެންމެހައި ކައުންސިލަރުންނަށް އިލްތިމާސް ކުރަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލާމަރުކަޒި ދުވަހާ ގުޅިގެން ހޯމް މިނިސްޓަރު ދެއްވި ހިތާބުގައި ފާހަގަ ކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްދޭ ސަރުކާރުގެ މުހިންމު ފަށަލައެއް ކަމަށެވެ. އެހެންވުމުން ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށްދޭ ހިދުމަތްތައް ހަމަހަމަކަމާ އެކު، ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"މިމަގަށް ބައްޓަންކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެންނެވެ. ކައުންސިލްގެ ނިންމުންތަކާއި އަމަލީ މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ. ޖަވާބުދާރީވާ ޒިންމާދާރު ކައުންސިލަކަށް ވެވޭނީ އޭރުންނެވެ،" އަޒްލީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ލާމަރުކަޒީ އުސޫލުން ހިންގުން ބައްޓައްކޮށްފައި ވަނީ އެތަކެއް މަރުހަލާތަކެއް ކަޑައްތުކޮށް އަދި ތަޖުރިބާގެ ތެރެއިން ކަމަށްވީ ނަމަވެސް ދިވެހި ރާއްޖޭހައި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ.

"މިފަދަ ނިޒާމެއް ތަރުތީބު ކުރުމުގައި ކުރިން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ކުރަން މި ޖެހުނީ ލާމަރުކަޒީ އުސޫލުން ހިންގުން ބަދަލުކުރުމަށް ފަހުގަ އެވެ. މިހެން ވުމުން ކަންކަން ކުރުމުގައި ހުންނަންވީ ހިމުން ކަމާއި ފުރިހަމަކަން ނުހުންނަކަން ލާމަރުކަޒީ މި ނިޒާމުގެ ހިންގުމުގެތެރެއިން މިދަނީ ކުރެވެމުންނެވެ. އެހެންކަމުން އަޅުގަނޑުމެން މުހިންމު އިސްކަމެއް ދީގެން މިކުރާ މަސައްކަތަކީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ގެންނަން ޖެހޭ ހިމުންކަމާއި ފުރިހަމަކަން ގެނައުމުގެ މަސައްކަތެވެ. މިގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ފާއިތުވި އަހަރުތަކުފައި ވަނީ ކުރެވިފަ އެވެ،" އަޒްލީން ވިދާޅުވި އެވެ.