އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި ޗައިނާގެ އެހީގައި އަށް ދަނޑު އެޅުމަށް ނިންމައި، އަންނަ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދާދިފަހުން ޗައިނާއަށް ބައްސާމް ކުރެއްވި ދަތުރާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބައްސާމް ވިދާޅުވީ، ޗައިނާގެ އެހީގައި އަޅާ އަށް ދަނޑުގެ ތެރެއިން އަހަރަކު ދެ ދަނޑު އެޅުމަށް އެއްބަސްވެފައިވާ ކަމަށާއި އޭގެ އިތުރުން ވެސް ދަނޑުތަކެއް އެޅައިދިނުމަށް ޗައިނާއިން އެއްބަސްވެދާނެ ކަމަށެވެ.

"އެއްކަމަކަށް މިއޮތީ އަޅުގަނޑުމެންގެ ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި އަށް ދަނޑު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން. އިރާދަކުރެއްވިއްޔާ ފެށޭ މަސް ތެރޭގައި އެބޭފުޅުން މާލެ ވަޑައިގެން އަޅުގަނޑުމެންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ. އަށް ދަނޑަކީ އެއީ އަހަރަކު ދެ ދަނޑު އެޅުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މާލެ ވަޑައިގެން އެ އަދަދު އިތުރުކުރުމަކީ ވެސް ވެދާނެ ކަމެއް. އެހެންނަމަވެސް މިވަގުތާ ހަމައަށް އޮތީ ދެ ދަނޑު އެޅުން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޗައިނާ އެފްއޭއިން އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެއީ ޓެކްނިކަލް ސަޕޯޓް ނުވަތަ ފައިނޭޝަލް ސަޕޯޓް ކަމަށްވިޔަސް ހުރިހާ ގޮތަކަށް އެފްއޭއެމްއާއި ޗައިނާގެ އެފްއޭއާއެކު އެއްބަސްވުމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ޗައިނާގެ ކުންފުންޏަކުން ރާއްޖޭގެ ގައުމީ ޓީމު ސްޕޮންސަރކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ ކުންފުންޏާއެކު ވެސް މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއާއެކު އަޅުގަނޑުމެން ބައްދަލުކުރީ ހެލްމޭ ކިޔާ ބްރޭންޑެއް. އަޅުގަނޑުމެންގެ ގައުމީ ޓީމު ސްޕޮންސަރ ކުރުމަށް އެ ބޭފުޅުން ޝައުގުވެރިވޭ. އެ މަޝްވަރާތައް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔައިން. އަޅުގަނޑުމެން މިހާރު ޖޯމާއާއެކު ވެފައިވާ އެއްބަސްވުން ގާތްގަނޑަކަށް ހަމަވަނީ. އެހެންނަމަވެސް ޖޯމާ ވެސް ބޭނުންވޭ އަޅުގަނޑުމެންނާއެކު ކުރިއަށްދާން،" އޭނާ ބުންޏެވެ.

ބައްސާމް ވިދާޅުވީ، ޖޯމާ އަދި ޗައިނާގެ ހެލްމޭއާއެކު ވެސް މަޝްވަރާކޮށް ރާއްޖެއަށް ލިބެން އޮތް ފައިދާތަކާއި އެންމެ ރަނގަޅު ޕްރޮޕޯސަލްއަކީ ކޮބައިކަން ދިރާސާ ކުރާނެ ކަމަށާއި އެއަށްފަހު ގައުމީ ޓީމުގެ ސްޕޮންސަރަކަށް ހަމަޖައްސާނެ ކުންފުންޏެއް ނިންމާނެ ކަމަށެވެ.